28 Jul 2012, 13:30
މާލޭގެ ގެއެއްގައި މިއަދު ހެނދުނު އަލިފާން ރޯވުމުން ސިފައިންގޮސް އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ މ. ލާމިގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު މިއަދު 10:25 ގައި ލިބުމުން ފަޔާ އެންޑް ރެސްކިއު އިން އެގެއަށް ގޮސް 10:35 އެހާކަންހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ބަދިގޭގެ ދުންހޮޅި ތެރޭގައި ހުރި ނާށިތަކެއްގައި ރޯވެގެން ކަމަށާއި އަލިފާން ރޯވުމުން ދުންހޮޅި މަތީގައި ފައިބަރުން ހަދާފައި ހުރި ތާނގިއަކާއި ކުޑަދޮރެއް އަނދާފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ކުޑަދޮރު އެނދުން ފިޔަވައި އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
މި ހާދިސާ މިއަދު ހިނގި އިރު ބަދިގެތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ މައުލޫމާތު ދިނުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ވަނީ ރޯދަ ފެށުމުގެ ކުރިން ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.