އެފްއޭއެމުގެ އެކްސްކޯގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެއިދާރާގެ ގާނޫނީ ހައިސިއްޔަތާމެދު އެފްއޭއެމް އިންތިހާބުގައި ވާދަ ކުރައްވާ އިނދިކޮޅު ކެނޑިޑޭޓުން ސުވާލު އުފައްދަވައިފި އެވެ.

އިންތިހާބުގައި ވާދަކުރައްވާ އެންމެ ސީރިއަސް އިނދިކޮޅު ކެނޑިޑޭޓް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އެފްއޭއެމުގެ އިންތިހާބު އެންމެ ފަހުން ބޭއްވީ 2008 ވަނަ އަހަރުގެ ޖުލައި 20ގައި ކަމަށާއި މިހެންވެ އާއިންތިހާބެއް ނުބާއްވަނީ އެފްއޭއެމުން ނިންމާ އެއްވެސް ނިންމުމެއް ސައްހަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި އެފްއޭއެމުގެ މިހާރުގެ ރައީސް އަލީ އާޒިމް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅެއްނުވި އެވެ.

"ނޯ ކޮމެންޓް ތިކަމަށް އިންތިހާބުގެ ކުރިން. އިންތިހާބު ބާއްވާނެ ދުވަސް ނިންމާނެ މާދަމާގެ އެކްސްކޯއިން،" އާޒިމް ވިދާޅުވި އެވެ.

އެކަމަކު އިލްހާމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހު، ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކާ ބަލާއިރު މިނިވަން އިންޓަރިމް ކޮމިޓީއެއް ނުވަތަ އިންތިހާބާ ބެހޭ ކޮމިޓީއަކުން ކަންކަން ކުރިއަށް ގެންގޮސްގެންނޫނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އިލްހާމް ވަނީ މި މައްސަލާގައި ކުޅިވަރުގެ ގައުމީ މަޖިލީހަށް ވެސް ފާޑުވިދާޅުވެފަ އެވެ. އާޒިމާއެކު އެފްއޭއެމުގެ ނާއިބް ރައީސްކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ހިޔަލީ މުހައްމަދު ރަޝީދު ޗެއާކުރައްވާ މަޖިލީހާ ބެހޭ ގޮތުން އިލްހާމް ވިދާޅުވީ ހަތަރު އަހަރުގެ ޓާމެއް އެފް.އޭއެމުގެ އެކްސްކޯ ފުރިހަމަކޮށްފައިވަނިކޮށް އިންތިހާބު ނުބާއްވައި މިހާރުގެ އެކްސްކޯއިން އެފްއޭއެމް ހިންގުމަކީ ކުޅިވަރުގެ ގައުމީ މަޖިލީސްފަދަ ތަނަކުން އަޅާނުލައި ތިބެންވާ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ.

އިލްހާމް އަދި ވިދާޅުވީ އިންތިހާބާ ބެހޭ މައުލޫމާތު ސާފު ކުރުމަށް އެފްއޭއެމަށް ފޮނުވާ ސިޓީތަކަށް އެ އިދާރާއިން ޖަވާބު ދެމުން ވެސް ނުދާ ކަމަށެވެ.

2008ގައި އެފްއޭއެމް އިންތިހާބު ބޭއްވީ އިންޓަރިމް ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީގެ ބޭފުޅަކު މިއަދު ވިދާޅުވީ މިހާރުގެ އެކްސްކޯގެ ޓާމް ހަމަވެއްޖެ ކަމަށާއި މިހެންވެ އެންމެ ރަނގަޚު ގޮތަކީ މިނިވަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުން ކަމަށެވެ.

"ކިހިނެތް އާޒިމަށް ވެސް ހިޔަލީ އަށް ވެސް އަދި ޝާހު އަށް ވެސް މިހާރު ކަންތައްތައް ނިންމޭނީ. އޭއެފްސީ އެކްސްކޯގެ މުއްދަތު އެކްސްޓެންޑް އިތުރުނުކުރަނީސް،" ކުރީގެ އިންޓަރިމް ކޮމިޓީގެ މެމްބަރު ވިދާޅުވި އެވެ.