25 Aug 2010, 10:12
15:11
ފަތުރުވެރިން ރާއްޖެއާ މެދު ދެކޭގޮތް ބެލުމަށްޓަކައި ކުރި" ޓޫރިސްޓް ޕްރޮފައިލް އެންޑް އޮޕީނިއަން ސާރވޭ 2008" ގެ ރިޕޯޓް ޓޫރިޒަމް މިނިސްޓްރީން ނެރެފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރުގެ ބަންޑާރަ ނައިބް ޑރ. އަހުމަދު އަލީ ސަވާދެވެ.
ޓޫރިޒަމް ދާއިރާގައި ދެމުންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ބޭނުމުގައި މިނިސްޓްރީން ކުރަމުން އަންނަ މިދިރާސާގެ ރިޕޯޓް އެންމެ ފުރަތަމަ ނެރެފައި ވަނީ 1999 އަހަރު އެވެ. އަދި ދެވަނަ ރިޕޯޓް ނެރެފައިވަނީ 2004 ވަނަ އަހަރު އެވެ.
މިރިޕޯޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ. ސަވާދު ވިދާޅުވީ، ޓޫރިސްޓުންނާއި ބެހޭ ގޮތުންނާއި އަދި އެމީހުން ރާއްޖެއާ މެދު ދެކޭ ގޮތް ބެލުމަށްޓަކައި އިތުރަށް ސާވޭތަކާއި ރިސާރޗް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލް ރިޕޯޓުތައް 10 އަހަރުން އެއް އަހަރު ނެރުމުގެ ބަދަލުގައި އާއްމު ގޮތެއްގައި ރިޕޯޓްތައް ނެރުމަކީ ބޮޑެތި ފައިދާތައް ކުރާނެ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.
މިފަހަރުގެ ސަރވޭ ކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ސީ.ޑީ.އީ ކޮންސަލްޓިން ކުންފުންޏާ އެވެ. މި ސަރވޭ ކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ޓޫރިސްޓުންގެ ތެރެއިން 1.2 ޕަސެންޓް މީހުންނާ ސުވާލުކޮށް، ސަރވޭ ފޯމް ފުރުވައިގެން ކަމަށް ސީޑީސީން ބުނެ އެވެ.
މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ޔޫރަޕު އަދި އޭޝިޔާގެ ގައުމުތަކުން ނެވެ.
ސަރވޭ ފޯމުތަކުގައި ޓޫރިސްޓުން ފާހަގަކޮށްފައިވާ މައިގަނޑު ޝަކުވާތަކުގެ ތެރޭގައި ބޯފެނުގެ އަގު ބޮޑުވުމާއި، ސުވެނިއަރގެ އަގުވެސް ބޮޑުވުމުގެ އިތުރަށް މުނިފޫހިފިލުވައިދިނުގެ ކުޅިވަރުތައް މަދުވުން ހިމެނޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ. ހަމަ އެއާއެކު، ރިސޯޓްތައް މާ ބޮޑަށް" ވެސްޓަނައިޒްވެ" ދިވެހިވަންތަކަން ނުހުންނަ ކަމަށްވެސް އެމީހުން ބުނާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ނަމަވެސް، މި ރިޕޯޓުން ދައްކާ ގޮތުގައި، 90 ޕަސެންޓް ޓޫރިސްޓުން ބުނެފައި ވަނީ އެމީހުންގެ ދަތުރާ މެދު ހިތްހަމަޖަހޭ ކަމަށެވެ. މީގެ އިތުރުން 80 ޕަސެންޓް މީހުން ރާއްޖެ އަނބުރާ އަންނާނެ ކަމަށް ބުނެފައިވާއިރު، ރާއްޖެ އައުމަށް އާއިލާ އާއި ރައްޓެހިންނަށް ހުށަހަޅާނެ ކަމަށް 98 ޕަސެންޓް ޓޫރިސްޓުން ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ.