28 Jul 2012, 12:19
މިދިޔަ ތިން އަހަރު ވެސް ރޯދަ މަހު ދަތުރުވެރިންގެ މާރުކޭޓަށް އެރުވި ކަރަލުގެ ތެރޭގައި "ރީނދޫ ކަރާ" ވަރަށް ގިނަވި އެވެ. ކޮންމެ ރޯދަ މަހަކު އެ ކަރަލުގެ ފޯރި މާރުކޭޓްގައި ފެނުނީ ގަދަކޮށެވެ. ނަމަވެސް މި ރޯދަ މަހުގެ މާރުކޭޓުން އެއް ގޮތަކަށް ރީނދޫ ކަރައެއް ނުވެސް ފެނެ އެވެ. އެހެންވެ ކުރީ ރޯދަ މަސްތަކުގައި ފޯރި ނެގި މީހުންނަށް ފެނުނީ ކަރާ މާރުކޭޓް ފަޅުކޮށެވެ. އަދި ވަރަށް ގިނަ މީހުން އަހައިލަ އެވެ: "ސޭޓް 'އެމްޑީޕީ ކަރާ' ލިބެން އެބަހުރިތަ؟ މިހާރު ކަމުނުދަނީތަ؟"
"މިހާރަކު ތިއެއް ނުހައްދަން! އަހަރެމެން އެވައްތަރު ކަރާ ހެއްދުން ހުއްޓަލައިފިން، މިގޮޅިއަކުން ތިޔަ ކަރައެއް ނުލިބޭނެ!" ކަރަލުގެ މައިރަށް، އއ. ތޮއްޑޫގެ ދަނޑުވެރިއަކު ބުންޏެވެ.
މީގެ ކުރިން ގޯނިގޯނީގައި އެތަކެއް ސަތޭކަ ކަރައެއް ތޮއްޑޫން ރޯދައަށް މާލެ ގެންނައިރު ހިމެނޭ ކަރާގެ ތަފާތު ބާވަތްތަކުގެ ތެރޭގައި ބޭރު ފުށަށް ރީނދޫކުލަ ޖެހިފައިވާ ކަރައާއި "އަލަނާސި ކަރާ"ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އެތެރެ ރީނދޫ ކަރާ ވެފައި އޮންނަނީ މާ ހިނގާ ކަރަލަކަށެވެ. އެއާ ހިލާފަށް މިއަހަރު ދެތިން ދިމާއަކުން ދެތިން ކަރަލެއް ނޫނީ އަދި ނުފެނެ އެވެ.
ތޮއްޑޫގެ ދަނޑުވެރިން ބުނަނީ ކުރިން ވަރަށް ފޯރިއާއެކު ހެއްދި ރީނދޫ ކަރާ މިއަހަރު ނުހައްދާ ކަމަށާއި މީހުން ރީނދޫ ކަރާ ދޫކޮށްލީ ޑިމާންޑް ކުޑަވުން ކަމަށެވެ. އެރަށު އެހެން ދަނޑުވެރިޔަކު ބުނީ ކުރިން ރީނދޫ ކަރައަށް ކުރިން ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް މިހާރު އެވައްތަރުގެ ކަރާ ހޯދަން މީހުން ނޫޅޭތީ ހެއްދުން ހުއްޓާލީ ކަމަށެވެ.
ދަނޑުވެރިންގެ ތެރޭގައި ވެސް "އެމްޑީޕީ ކަރާ" ގެ ވާދަވެރި ކަމެއް ކުރިން އޮތް ނަމަވެސް މިއަހަރު އެކަހަލަ ކަމެއް ނުފެނެ އެވެ. މިފަހަރު ގާތްގަނޑަކަށް ހުރިހާ ދަނޑުވެރިން ވެސް ބުނަނީ "ރީނދޫ ކަރާ މިހާރު ނުހައްދާ" ކަމަށެވެ.
އެހެން ދަނޑުވެރިޔަކު ބުނީ ވަރަށް މަދު ދަނޑުވެރިންތަކެއް ވަރަށް މަދުން މިއަހަރު ވެސް ރީނދޫ ކަރާ ހެއްދި ކަމަށެވެ. އެކަމަކު ރީނދޫ ކަރައަށް ހިނގާ ހަރަދު ބޮޑުވެފައި ގަންނަ މީހުން މަދުވުމުން ދަނޑުވެރިން ދޭ ސަމާލުކަން ކުޑަވީ ކަމަށެވެ.
"މިކުރަނީ ވިޔަފާރި އެހެންވީމަ ބެލޭނީ ޑިމާންޑް ބޮޑު އެއްޗަކަށް، ރީނދޫ ކަރާވެގެން އެ ހައްދާކަށް މިއަހަރަކު ނޫޅޭ! " ދަނޑުވެރިޔަކު ބުންޏެވެ.