މެނީލާ (ޖުލައި 28): ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތު ވެގެން ދިގު މުއްދަތަކަށް ޖަލަށްލާފައިވާ ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިޔާ މަކަޕާގަލް އަރޯޔޯ ކަފާލާތުގެ ދަށުން މިނިވަން ކޮށްފިއެވެ.

އަރޯޔޯގެ ވަކީލް ވިދާޅުވި ގޮތުގައި ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް ކޯޓުން އެއްބަސްވީ އޭނާގެ މައްޗަށް ސާބިތުވެފައިވާ، ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދެ ކުށް ސާބިތުކުރުމަށް ސަރުކާރުން ދައްކާފައިވާ ހެކިތައް ބަލިކަށިކަމުންނެވެ.

އަރޯޔޯ ކަފާލާތުގެ ދަށުން މިނިވަންކުރުމުން ސަރުކާރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަރޯޔޯ އަލުން ޖަލަށް ލުމަށްއެދި މައްސަލަ ކޯޓަށް ވެއްދުމަށްޓަކައި ފިލިޕީންސްގެ ޕްރޮސެކިއުޓާ ޖެނެރަލް ގެންދަވަނީ މައްސަލަ ދިރާސާ ކުރައްވަމުންނެވެ.

ކޮރަޕްޝަންގެ މައްސަލަ ހައްދުފަހަނަޅާފައިވާ ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ފިލިޕީންސްގެ އިޤްތިސާދު ހަލާކުވަމުންދަނީ ކޮރަޕްޝަނުގެ ސަބަބުންކަން ދިރާސާތަކުން ކަށަވަރުވެފައިވާތީ އެޤައުމުގެ މިހާރުގެ ރައީސް ބެނީނޯ އަކީނޯ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރައްވާފަ އެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޖަލަށްލާފައިވާ އަރޯޔޯގެ ސިއްޙީ ޙާލުކޮޅު ދަށްވުމުގެ ސަބަބުން މިއަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ ބަންދުކުރެވިފައިވަނީ ޢަސްކަރީ ހޮސްޕިޓަލެއްގަ އެވެ. -- އަލްޢާލަމް