އަންނަ މަހު އިންޑިޔާގައި ފަށާ ނެހުރޫ ކަޕުން ރާއްޖެ އަށް ފުރުސަތު އޮތީ ކެމަރޫނާއި ސެނަގާލް އަދި އަފްގާނިސްތާން ވެސް ބައިވެރިނުވެއްޖެނަމަ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާގޮތުގައި އިންޑިޔާގެ މިނިވަންކަމުގެ ބާނީ ޖަވާހިރުލާލް ނެހުރީގެ ހަނދާނުގައި ބާއްވާ މުބާރާތުގައި މިފަހަރު ބައިވެރިކުރާނީ ޖުމުލަ ފަސް ޓީމެވެ. މީގެ ތެރެއިން އިންޑިޔާއާއެކު މުބާރާތް ކުޅޭނެކަން ކަށަވަރުވެފައިވާ ގައުމުތަކަކީ ސީރިއާ އާއި ޖޯޑަން އަދި ކެންޔާ އެވެ. ބާކީ އޮތް ހަމައެކަނި ޖާގަ ދޭން އިންޑިޔާ އެންމެ ބޮޑަށް ބޭނުންވަނީ ކެމަރޫނަށެވެ.

މަޝްހޫރު ސެމިއުލް އެޓޫ ކެޕްޓަންކަން ކުރާ ކެމަރޫނަކީ ހަ ފަހަރު ވޯލްޑް ކަޕުގައި ކުޅެ ހަތަރު ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމެކެވެ. ކެމަރޫނުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު އަންގާފައިވަނީ އަނގަބަހުންނެވެ. ނަމަވެސް ރަސްމީ ޖަވާބެއް އެންމެ ފަހު ވަގުތު ނުލިބިއްޖެނަމަ ފުރުސަތުދޭނީ ސެނެގާލަށެވެ. އެ ގައުމަކީ ފްރާންސް ކަޓުވާލައި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް ކުޅުނު ގައުމެވެ. މި ދެ ގައުމުގެ ކުރިން ނައިޖީރިއާ ވަނީ ނެހުރޫ ކަޕުގެ ދައުވަތު ގަބޫލުނުކޮށްފަ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް އަށް ގައުމުުގެ ބަދަކުގައި މުބާރާތުގައި ބައިވެރިކުރާ ގައުމުތަކުގެ އަދަދު ފަހަކަށް ތިރިކޮށްފައިވާއިރު އެފްރިކާގެ ގައުމުތަކުން ބައިވެރިނުވެއްޖެނަމަ ފުރުސަތު ދޭނެ އޭޝިޔާގެ ތިން ގައުމެއްް ވެސް ވަނީ ނިންމައިފަ އެވެ. އެއީ އަފްގާނިސްތާނާއި ދިވެހިރާއްޖެ އަދި ފިލިޕީންސެވެ. މީގެ ތެރެއިން ރާއްޖެ އަށް ފުރުސަތު ލިބޭނީ އަފްގާނިސްތާން ވެސް ބައިވެރިނުވެއްޖެނަމަ އެވެ.