28 Jul 2012, 11:26
އޭވައިއެލް 2-0 އިން ބަލިކޮށް ނަލަހިޔާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޓޭބަލުގެ ކުރިއަށް ވެލެންސިއާ އިއްޔެ ޖެހިލައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެވެ. އެކަމަކު މުޅި މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ނަގާލި ވެލެންސިއާ އަށް ލަނޑު ޖަހަން ޕެނަލްޓީ އެއްވެސް ލިބުނެވެ. ކުރީގެ ގައުމީ ކީޕަރު އަސްލަމް އަބުދުއްރަހީމް ޖެހި ޕެނަލްޓީ ގޯލަށް ވަނަސް ދެ ވަނަ ފަހަރަށް ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މި ޕެނަލްޓީ ދެ ވަނަ ފަހަރަށް ޖެހަން ޖެހުނީ ވެލެންސިއާގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިޔާތެރެއަށް ވަނުމުންނެވެ.
އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. ފަހު ލަނޑު ޖެހީ ތޮއްޑޫ މުހައްމަދު ނިޒާމެވެ.
މި މޮޅާއެކު ވެލެންސިއާ އަށް ހަތް ޓީމު ވާދަ ކުރާ މުބާރާތުގެ ޓޭބަލުގެ ކުރި ލިބެނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ. ވެލެންސިއާގެ ފުރަތަމަ މެޗުގައި މޮޅުވީ ވިކްޓަރީ އަތުން 2-0 އިންނެވެ.
މި މުބާރާތުގައި ބުރާސްފަތި ދުވަހު ނިއު އާއި އީގަލްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.