28 Jul 2012, 11:14
ނިޔުޔޯކް (ޖުލައި 28) : ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރު މާދިގު މުއްދަތަކަށް ދެން ދެމިނޯންނާނެ ކަމަށް ސޫރިޔާގައި ޙަރަކާތްތެރިވާ އދ. ގެ އޮބްޒާވަރުންގެ މިޝަންގެ ވެރިޔާ ޖެނެރަލް ރޮބަޓް މުޑް ވިދާޅުވެއްޖެ އެވެ.
ނިޔުޔޯކްގައި ދެއްވި ބަޔާނެއްގައި ޖެނެރަލް މުޑް ވިދާޅުވީ ބައްޝާރުގެ ސަރުކާރަށް ދެމިނޯވެވޭނެ ކަމުގެ ހުރިހާ ނިޝާންތަކެއް ފެންމުންދާ ކަމަށާއި އޭނާގެ ސަރުކާރު ވެއްޓުން ބިނާވެފައިވަނީ ވަގުތުގެ މައްޗަށް ކަމުގައެވެ. ބައްޝާރާއި ސޫރިޔާގެ ވެރިކަމުގެ ނިޒާމުގައި މިހާރު ތިބި މީހުންނާއެކު ސޫރިޔާއަށް އެއްވެސް މުސްތަޤްބަލެއްނެތް ކަމަށާއި ރައްޔިތުންނާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރަން ބައްޝާރުގެ ސަރުކާރުން ފެށުމަކީ އޭނާގެ ނިޒާމް، ވެރިކަމުގެ ފަހު ދުވަސްތައް ގުނަމުންދާކަމުގެ ހެއްކެތް ކަމަށްވެސް ނޯވޭގެ ޖެނެރަލް ރޮބަޓް މުޑް ވިދާޅުވި އެވެ. މުޑްވަނީ މިމަހުގެ 19 ވަނަ ދުވަހު ސޫރިޔާ ދޫކުރައްވައި އެނބުރި ނިޔުޔޯކަށް ވަޑައިގެންފަ އެވެ.
ހުޅަނގުގެ މަދަދާއި އެހީތެރިކަން ލިބިގެން ޙަރަކާތްތެރިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ރަޝިޔާއާއި އީރާނުގެ ތާއީދު ލިބިފައިވާ ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުގެ ސިފައިންނާ ދެމެދު ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ޤައުމު ފުނޑުފުނޑު ވަމުންދާއިރު މި ހަނގުރާމައިގެ ޝިކާރައަކަށްވެފައިވަނީ ސޫރިޔާގެ ކުށެއްނެތް އާންމުންނެވެ.
އަހްލީ ހަނގުރާމައެއްގެ ތެރެއަށް ސޫރިޔާ ވެއްޓޭ ހިސާބަށް ކަންތައްތައް ދިޔައީ ބައްޝާރުގެ ޚުދުމުޚްތާރު ނިޒާމާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން ސުލްޙަވެރިކަމާއެކު ތެދުވުމުން ސޫރިޔާގެ ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އާންމުން މަރަމުންގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބައްޝާރުގެ ނިޒާމަށް ސޫރިޔާގެ ވެރިކަމުގައި ދެން ދިގުމުއްދަތަކަށް ދެމިނޯވެވޭނެކަން ކަށަވަރުވެފައިވީ ނަމަވެސް އަދި މަސްތަކަކަށް ބައްޝާރުގެ ނިޒާމް ނުވެއްޓި ހިފަހައްޓާނެ ކަމަށާއި އޭނާގެ ވެރިކަން ވެއްޓޭނީ މިހާރަށްވުރެ ވެސް ބޮޑު ލޭއޮހޮރުވުންތަކެއްގެ ތެރެއިން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތައް ލަފާކުރެ އެވެ.
އިދިކޮޅު ހަނގުރާމަވެރިން ސޫރިޔާގެ އެތެރޭގައި މިހާރު ފައިހަރުކޮށް ބައްޝާރުގެ ސިފައިން ފަހަތައް ޖައްސަމުންގެންދަން ފެށުމަކީ އޭނާގެ ނިޒާމް ބަލިކަށިވަމުންދާކަމުގެ މައިގަނޑު ހެއްކެއްކަމަށް މިފަރާތްތަކުން ދެކެއެވެ. ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑު ރައްކަމަށްވާ ޙަލަބްގެ ބޮޑުބައި މިހާރުވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައެވެ. އަދި ބައްޝާރުގެ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބައެއް މަސްއޫލުވެރިންނާއި އޭނާގެ ތިމާގެ ބައެއް މީހުންނާއި ސިފައިންގެ ބައެއް އޮފިސަރުން ވެސް މިހާރު ގެންދަނީ އޭނާގެ ނިޒާމުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅެމުންނެވެ. އެހެންކަމުން ބައްޝާރުގެ ނިޒާމަށް މުސްތަޤްބަލެއް ނެތް ކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ. -- ނޫސްއެޖެންސީތައް