ގއ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމަށް އިންޒާރު ދިނުމަށްފަހު އޭނާއަށް ހަމަލާދޭން އުޅުނު މައްސަަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކޮން ބައެއްކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"ބުރާސްފަތި ދުވަހުގެ ރޭ ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދާންދޫ، ނޫބަހާރުގޭ، އަބްދުއްރައްޒާގު މުހައްމަދާއި ސީނާ، މުހައްމަދު މޫސާ އަދި މިނާގޭ، އަބްދުﷲ ހަސަން އެވެ. އަދި އެ ތިން މީހުން ވެސް މިހާރު ތިބީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

ދާންދޫ ކޯޓުން ބުނީ ބުރާސްފަތި ދުވަހު އަސުރު ނަމާދުން ކުރައްވައިގެން މެޖިސްޓްރޭޓް ވަޑައިގަންނަވަނިކޮށް އެރަށު މީހަކު ގޮސް "ވިސްނައިގެން އުޅެއްޗޭ، ނަތީޖާ މާ ރަނގަޅެއް ނުވާނެ!" ކަމަށް ބުނެ އިންޒާރު ދިންކަމަށެވެ. އަދި އިންޒާރު ދިނުމަށް ފަހު މެޖިސްޓްރޭޓްގެ މޫނުގައި ޖަހަން އެމީހާ އަތް ހުރާލުމުން އެވަގުތު އެތާގައި ހުންނެވި އެރަށު ކައުންސިލްގެ ރައީސް އޭނާގެ އަތުގައި ހިފަހައްޓައި އެކަން ހުއްޓުވި ކަމަށް ވެސް ދާންދޫ ކޯޓުން ބުންޏެވެ.

ދާންދޫ ކޯޓުން ބުނީ އޮޔާދަނިކޮށް އެރަށު މަސް ދޯންޏަކުން ނެގި ޑިންގީއެއް ހޯދަން އޭގެ ވެރިފަރާތްކަމަށްވާ އެރަށް ކައިރީ އޮންނަ "ފަޅުމާފުށީ" ރިސޯޓުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެ މީހުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ ޑިންގީ އޮތް ގެއަށް ވަނުމަށް ކޯޓު އަމުރެއް ހޯދަން ފުލުހުން އެ ކޯޓުގައި އެދުމުން އިސް މެޖިސްޓްރޭޓް ލުއައްޔު އެ އަމުރު ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި ބުނީ މެޖިސްޓްރޭޓަށް އިންޒާރުދީ ހަމަލާދޭން އުޅުނީ އެ އަމުރު ނެރުމާ ގުޅިގެން ހިންހަމަ ނުޖެހިގެން ކަމަށެވެ.