އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރެއް ރޭ ވިލިމާލޭގައި ހުޅުވައިފި އެވެ.

މިއީ ކަނޑުމަތީގައި ހާލުގައިޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، އެކަމާގުޅޭގޮތުން އިތުރަށް ވިލަރެސް ކުރަންޖެހޭ ފަރާތްތަކާއެކު ވިލަރެސްކުރުމާއި އެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަން ހުޅުވި ސެންޓަރެކެވެ.

ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓްރޭނިން ސެންޓަރާ އިންވެގެން ގާއިމް ކުރި ސެންޓަރު ހުޅުވައިދެއްވީ އެ ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ހާލު ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިހާރު ލިބިފައިވާ ވަސީލަތްތައް ތަރައްގީކުރަން ޖެހޭ ކަމަށެވެ. އަދި މިހާރަށްވުރެ ކޯޑިނޭޝަން އިތުރުކުރަން ޖެހޭކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.

ބަންޑުން ޖަހައިލި، ތިނަދޫ "އެނަމާ ބޯޓް"ގެ ހާދިސާއަށް އަލިއަޅުވައި ލައްވާ މިނިސްޓާ ވިދާޅުވީ އޭރު ކަނޑުމަތީގެ ހާދިސާތަކަށް ތައްޔާރުވެފައިނުވާކަން އެ ހާދިސާއިން އެގިގެން ދިޔަކަމަށާއި އެހެންވުމުގެ ސަބަބުން މިހާރަށްވުރެ ކަނޑުމަތީ ހާދިސާތަކަށް ރައްކާތެރިވާން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަކީ ވަސީލަތްތަށް މަދުބަޔަކަށްވިޔަސް ކަނޑުމަތީ ހިނގާމިފަދަ ހާދިސާތަކުން ވީހާވެސް އަވަހަކަށް ރެސްޕޮންސް ދެވޭ މަގު މިއަދު ގާއިމް ކުރަންޖެހޭ، އަދި ހާއްސަކޮށް ވައިގެ މަގުން މިފަދަ ރެސްޕޮންސް ނޫނީ އެފަދަ ހާދިސާތަކަށް އެޓެންޑް ކުރެވޭނެގޮތް އަޅުގަނޑުމެން އެބަޖެހޭ ގާއިމް ކުރަން" މިނިސްޓާ ވިދާޅުވި އެވެ. ސާޗް އެންޑް ރެސްކިއުގެ ހިދުމަތް ދިނުމުގައި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ހިދުމަތް ދިނުން ވަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބުރިގޭޑިޔާ ޖެނެރަލް އަހުމަދު ޝާހިދު ވިދާޅުވީ ރޭ، ހުޅުވި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރާއެކު ބައިނަލްއަޤްވާމީ ގޮތުން ހެދިފައިހުރި އެފަދަ މަރުކަޒުތަކަކޭ އެއް ފަދައިން އެ ނެޓްވޯކްގެ ތެރެއަށް އެ ސެންޓަރު ވެސް ވަދެގެންދާނެ ކަމަށެވެ.

އެ ސެންޓަރުން ކަނޑުމަތީ ހާދިސާތަކުން ހާލުގައި ޖެހޭ މީހުން ސަލަމަތްކުރުމުގެ އިތުރުން އެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމާއި، އެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ އިތުރުން، ދޭންޖެހޭ ޚިދުމަތްތަކުގެ ސިޔާސަތުތައް ވެސް ކަނޑައަޅަން ހަމަޖެހިފައިވެ އެވެ. އަދި ވިލިމާލޭގައި ހުޅި ސެންޓަރުގެ ދަށުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ސަބް ސެންޓަރުތަކެއް ހިނގާނެ އެވެ.

"އުތުރުގައި މެރިޓައިމް ރެސްކިޔު ސަބް ސެންޓަރެއް ހއ. އުލިގަމާއި މެދު ރާއްޖެތެރޭގައި މެރިޓައިމް ރެސްކިޔު ސަބް ސެންޓަރެއް ލ. ކައްދޫ އާއި އަދި ދެކުނުގާ މެރިޓައިމް ރެސްކިޔު ސަބް ސެންޓާ ސ. ގަމުގެ ހިދުމަތް ދިވެހި ކަނޑުތަކުގައި ދަތުރުކުރާ އެންމެހާ ފަރާތްތަކަށް ލިބިގެންދާނެ، މާލެ ސަރަހައްދުގައި އެހިދުމަތް ދެމުންގެންދާނީ މި ސެންޓަރުން" ޝާހިދު ވިދާޅުވި އެވެ.