25 Aug 2010, 09:59
15:00
ކޮޕީ ރައިޓްސް ގާނޫނުގެ ދަށުން، ފައިދާ ހޯދުމުގެ ބޭނުމުގައި ހިމާޔަތްކޮށްފައިވާ އެއްވެސް އުފެއްދުމެއް އިންޓަނެޓަށް އަޕްލޯޑްކުރިކަން ސާބިތުވެއްޖެ ނަމަ ފަސްލައްކަ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލަށް އިސްލާހް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތް ކުރުމުގެ ބިލު ދިރާސާކުރި ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން، ބިލަށް އިސްލާހް ހުށަހެޅުއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި، މި ގާނޫނުގައި މަނާކޮށްފައިވާ ކަންތައްތައް ކުރާ ފަރާތްތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމަށް އިސްލާހް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި، ފައިދާ ހޯދުމުގެ ބޭނުމުގައި، މި ގާނޫނުން ހިމާޔަތްކޮށްދީފައިވާ ހައްގުތަކަށް، ގަސްތުގައި ނުވަތަ އިހުމާލަކުން ވެސް އުނިކަމެއް އަންނަ ފަދަ ގޮތަކަށް އަމަލުކޮށްފިނަމަ އެފަރާތެއް ފަންސާސް ހާސް ރުފިޔާ އާއި ތިންލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ. އަދި ހިމާޔަތް ކުރެވިފައިވާ ހައްގަކަށް އަރައިގަނެވޭ ފަދަ އަމަލެއް ކުރަން އުޅޭ ފަރާތަކަށް އެކަން ނުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިދިނުމަށްފަހު އެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތައް، މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި، ދިހަހާސް ރުފިޔާ އާއި އެއްލައްކަ ފުރިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލަށް އިސްލާހް ހުށަހަޅާފައިވެ އެވެ. އަދި ހިމާޔަތް ކޮށްފައިވާ ހައްގެއް އަޕްލޯޑްކޮށް ޑައުންލޯޑްކޮށް ބެލެން ހުންނަ ސައިޓްތައް ބަންދުކޮށް، ވެރިފަރާތް ތިންލައްކަ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމަށް ވެސް ބިލަށް އިސްލާހް ހުށަހަޅައިފައިވެ އެވެ.
މި އިސްލާހް ތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ކަމަށް ބަލާއިރު، ބިލަށް ހުށަހެޅި އަދަބުތަކަކީ ބޮޑެތި އަދަބު ތައެއް ކަމަށެވެ. ނަމަވެސް މި އިންޑަސްޓްރީއާ އަޅާނުލުމުގެ ސަބަބުން ދިވެހިންގެ އަމިއްލަ އުފެއްދުތައް ހިމާޔަތް ނުކުރެވިވާތީ، މިފަދަ އަދަބުތަކެއް ކަނޑައެޅެންޖެހޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ޒުވާނުން ބެލުމެއް ނެތި، އިންޓަނެޓަށް ވަންނަމުންދާ މި ދުވަސްވަރުގައި، މި ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން ނުއުފައްދައި ކުއްލިއަކަށް ރައްޔިތުންގެ އަތްމައްޗަށް މިފަދަ ގާނޫނެއް ދޫކޮށްލުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި މި ބިލުގައި ކަނޑައަޅާފައިވާ އަދަބުތަކުގެ ސަބަބުން ކުދިކުދި ކުންފުންނިތަކާ މެދު ކަންބޮޑުވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު، އަލީ ވަހީދު ވިދާޅުވީ، ބިލުގައި ބޮޑެތި އަދަބުތަކެއް ހިމެނުމަކީ، ކަމެއް ކުރުން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ކަމެއް ނޭގުމަކީ އަނެކާގެ ހައްގުތަކަށް އަރައިގަތުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވީ، ރާއްޖެއަށް މިފަދަ ގާނޫނެއް ބޭނުންވެފައިވާތާ ކިތަންމެ ދުވަހެއް ކަމަށެވެ. އަދި މިފަދަ ގާނޫނަކުން ހިމާޔަތް ނުކުރެވި އަޅާނުލާ އޮތުމުގެ ސަބަބުން ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑެތި ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކަށް ފޮނުވައިގެން އެގޮތަށް ތަކެތި ތައްޔާރުކުރަމުން ގެންދާއިރު އެކަމުގެ ހައްގުވެރިންނަށް ބަދަލު ލިބެންޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.