19:00


ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހ. ރީނދޫގޭ، އާދަމް ނަސީރުގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.


ހައިކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާދަމް ނަސީރާއި އޭނާގެ އަންހެނުންނާއި އޭނާގެ ދަރިފުޅުގެ ނަންމަތީގައިވާ ހުރިހާ އެކައުންޓެއް ފްރީޒްކޮށްދިނުމަށް ހައިކޯޓުން އަމުރެއް ނެރެފައި ވަނީ، އާދަމް ނަސީރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ޖިނާއީ ކޯޓުން ސާބިތުނުވެ އޭނާ މިނިވަންކުރުމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިއިރު، އާދަމް ނަސީރުގެ އެކައުންޓްތަކެއް ފްރީޒްކޮށްދިނުމަށް އެދިފައިވާތީ ކަމަށެވެ.


ހައިކޯޓުން ނެރެފައިވާ އެ އަމުރުގައިވަނީ އާދަމް ނަސީރުގެ މައްސަލާގައި ހައިކޯޓުން ވަކި އެއްޗެއް އަންގަންދެން ނުވަތަ އެ މައްސަލަ ވަކިގޮތަށް ނިމެންދެން އޭނާގެ އެންމެހާ ބޭންކް އެކައުންޓްތަކެއް ފްރީޒްކުރުމަށް ކަމަށް ވެސް ހައިކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.


އާދަމް ނަސީރު ދިރިއުޅޭ ސ. ހިތަދޫ، ލައިޓް ޝެޑޯ އާއި އޭނާ މާލޭގައި ދިރިއުޅޭ ހ. ރީނދޫގެއިން ފެނުނު ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ ފައިސާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ވެސް ޖިނާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.