މާލޭގެ ޕާކްތަކުގައި ކެފޭތަކާއި ރެސްޓޯރަންޓް ނުހަދަން ހައުސިން މިނިސްޓްރީން އަންގާފައިވަނިކޮށް މަޖީދީމަގު ސޯސަން ސްޓޯރު ކުރިމަތީގައި ރޭ ހުޅުވި "ފިނިޕާކް" އާ ދެތޭރޭގައި ގޮތެއް ނިންމަން އާދިއްތަ ދުވަހުން އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު، ސަން އޮންލައިނަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ހިތްފަސޭހަ ކޮށްލަން ހުރި ޕާކުތަކުގައި ކެފޭ ރެސްޓޯރަންޓު ނެހެދުމަށް އެންގި ނަމަވެސް އެފަދަ ތަންތަން ހަދައި ހުޅުވަމުން އަންނާތީ އެކަންކަމާއި ގުޅޭ ގޮތުން އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ ބަލައި އެޓާނީ ޖެނެރަލްގެ ލަފާފުޅު ހޯއްދެވުމަށް ފަހު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިނިސްޓްރު އަދި ވިދާޅުވީ ރޭ ހުޅުވި ފިނިޕާކުގައި ދެބުރި އިމާރާތެއް ހަދާފައިވަނީ އިމާރަތްކުރުމުގެ ކުރެހުން ހުށަނާޅައި ހުއްދަ ނަގަން ޖެހޭ ތަންތަނުން ހުއްދަ ނުގަގާ އެފަރާތްތަކުން އަމިއްލަ އަމިއްލަ ގޮތަކަށް ކަން އެގިވަޑައިގެންފައިވާ ކަމަށާއި އެފަދަ ކަންކަމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަންކަން ނޫން ކަމަށެވެ.

"އަޅުގަނޑަށް މިހާރު މައުލޫމާތު ލިބިފައި އެބަހުރި ރޭގަ ހުޅުވި ޕާކުގައި ހަދާފައި ހުރި ދެބުރި އިމާރާތް ހަދާފައިވަނީ އިމާރަތްކުރުމުގެ ހުއްދަވެސް ނުހޯދައި އަދި ކުރަހުމެއް ވެސް ހުށަނާޅައި ހަދާފައިވަނީ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން އެއްވެސް ތަނެއްގައި އިމާރާތެއް ކުރަންޏާ ޖެހޭނީ ހުއްދަ ހޯދައިގެން އެފަދަކަންކަން ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ރޭހުޅުވި ޕާކަކީ މަޖީދީމަގާއި އަޅިވިލާމަގު ޖަންކްޝަން ކައިރީގައިވާ ހުސްބިމުގައި ހުޅުވާ "ކޭޕަސް ޕާކު" ކަމަށާއި މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުވާނީ އަލިކިލޭގެ ފާނުމަގުގައި ބާއިންޖީނުގޭ ހުސްބިމުގައި "ސިޓީ ޕާކު" ކަމަށެވެ.

ހައުސިން މިނިސްޓުރީން ބުނީ މާލޭ ސިޓީ ކައުންސިލުން ކުރިން އެފަދަ ތަންތަން ބައެއް ފަރާތްތަކަށް ކުއްޔަށް ދީފައިވިޔަސް އެތަންތަނުގައި މަސައްކަތްތައް ނުކުރަން އަންގާފައިވާނެ ކަމަށާއި އެ އެންގުމަށް ކިޔަމަން ނުވެ އިމާރާތްކޮށް ތަރައްގީކުރާ އެއްވެސް ތަނަކަށް ސަރުކާރުން ބަދަލު ނުދޭނެ ކަމަށެވެ.

މާލޭގެ ބިންތައް ބޭނުންކުރުމުގެ ހައްގު ލިބެނީ ސިޓީ ކައުންސިލަށް ކަމަށް އެކައުންސިލުން ބުނާއިރު ހައުސިން މިނިސްޓްރީން ބުނަނީ ކައުންސިލުން ބިން ބޭނުން ކުރަމުން ގެންދަނީ އެގްރިމޭންޓްތަކައި ހިލާފަށް ކަމަށެވެ. އަދި އުސްފަސްގަނޑު އެމްޑީޕީއާއި ސިޓި ކައުންސިލުން ދީފައިވާ މައްސަލައާއި ގުޅިގެން އެތަން ހުސްކުރަން ހައުސިން މިނިސްޓުރީން ވަނީ ސިޓީ ކައުންސިލަށް އެތަށްފަހަރެއްގެ މަތިން އަންގާފައެވެ. އަދި މިހާރު ވަނީ އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑުގައި ހުރި މުދަލާއި ތަކެތި ހުސްކުރަން ހަތް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ދީފި އެވެ.