ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން އުޅޭ މައްސަލައިގައި ރާއްޖެއާއި ބޭރުގެ އިދާރާތަކާއި ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގައި ރިޕޯޓު މާދަމާ ތަޅުމަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީއިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކުރުމަށް ފަހު، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެ ކޮމެޓީން އެގޮތަށް ނިންމީ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް, އެ ފުރުސަތު ނުދީ, ކޮމެޓީ ސިއްރު ވެސް ކުރުމަށް ފަހުގައެވެ.

ރައްޔިތުންގެ މަޖިލީސް: ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓު މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި -- ފޮޓޯ/ މަޖިލީސް

އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން ފާސްކުރީ، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި، އެއިރުގެ ފަނޑިޔާރު ހުސްނުއްސުއޫދާއެކު ސަސްޕެންޑުކުރުމަށް ފަހުގައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ތިން ބޭފުޅުން ވެސް ޖޭއެސްސީން ބަލާ މައްސަލައާއި އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި އޭގެ މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ މައްސަލައިގައި އަޒްމިރަލްދާއަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން އާއި ދަ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބޭރުގެ ޝަރުއީ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފައެއްގައި ވަނީ ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީން އެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ވެސް ވިދާޅުވިއެވެ.