ރައީސްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ހުކުރުން ވަޑައިގަންނަވަނިކޮށް ކާރުކޮޅަށް ބަޔަކު މިއަދު ހުރަސް އަޅައި ހަމަނުޖެހުން ހިންގައިފި އެވެ.

އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ރައީސް ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް ބަޔަކު މިއަދު ހުރަސް އެޅީ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރެއްވުމަށް ފަހު ރައީސް ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް ޖުމްހޫރީ މައިދާން ސަރަހައްދުން ކަމަށެވެ.

"އެމީހުން ހުރަސް އެޅުމުގެ ގޮތުން މި ކިޔާ ޒާތުގެ އެއްޗިހި ކިޔާ ހަދަމުން ދިޔައީ، އެއްޗިހި އުކާ އެފަދަ ކަމެއް ކޮށެއް ނުހަދާ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކާރުކޮޅަށް އެއްވެސް ގެއްލުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަމަނުޖެހުމުގެ ތެރެއިން އެމްއެންޑިއެފްއިން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ފުލުހުންވެސް ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެެވެ. އަދި ވިދާޅުވީ އެ ވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ރައީސްއާ ދިމާލަށް ހުތުރުބަހުން އެއްޗިހި ގޮވާ ހެދިކަމަށެވެ.