27 Jul 2012, 15:55
މާލޭގެ ކުނި ނައްތާލަން ސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން ދައްކަން ޖެހޭ 15 މިލިއަނެއްހާ ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް، (ރުކުމާ) މިއަދު ވިދާޅުވީ ސިޓީ ކައުންސިލާއި ހަވާލުކޮށްގެން ސަރުކާރުން ކުރި، ކުނި ނައްތާލުމުގެ އެކި މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން ދައްކަންޖެހޭ ފައިސާ އަދިވެސް ނުދައްކާތީ ކުނި ނައްތާލުމުގެ މަސައްކަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ. ކުނިނައްތާލުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރަން ކޮންމެހެން ވެސް އެ ފައިސާ ބޭނުން ކަމަށެވެ.
"ކުނި ނައްތާލުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް މާބޮޑު އާމްދަނީއެއް ނޯވޭ، އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން އަޅުގަނޑުމެން މިދަނީ އެކަން ކުރަމުން [ކުނި ނައްތާލަމުން]، މިހެން މިކަން އޮތް އިރު ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކޮށްގެން ކޮށްފައި ހުރި އެކި މަސައްކަތްތަކަށް ދައްކަން ޖެހޭ 15 މިލިއަނެއްހާ ރުފިޔާ އެބަ އޮތް. މިހާ ދަތިކޮށް މި މަސައްކަތް ކުރާއިރު މި ފައިސާ އެބަ ޖެހޭ ލިބެން، ކިތަންމެ ފަހަރަކު މަސައްކަތް ވެސް ކުރެވިއްޖެ،" ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ކުނި ނައްތާލަން ބޭނުންކުރާ ގިނަ މެޝިންތަކަށް 16 އަހަރަށްވުރެ ވެސް ގިނަ ދުވަސްވެފައިވާ ކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބިވާއިރު، ކުނި ނައްތާލާ މެޝިންތަކުގެ މަރާމާތަށް ވެސް ޖެހިފައިވާ ކަމަށެވެ.
ރިސޯޓުތަކުން ތިލަފުއްޓަށް ކުނި އުކާލައިގެން ނަގާ ފީގެ ގޮތުގައި ސިޓީ ކައުންސިލަށް މަހެއްގެ މައްޗަށް 1.8 މިލިއަން ރުފިޔާ ލިބެ އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ބޭނުން ކުރުމުގެ ހުއްދަ ސިޓީ ކައުންސިލަށް ނޯންނަ ކަމަށާއި އެ ފައިސާ ބޭނުން ކުރުމުގެ ހުއްދައަކަށް ފިނޭންސްގައި މިހާރު އެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި އިކްއުޕްމަންޓްތަކާއި އެއްޗިހި މަރާމާތުކުރެވެން އަންނަނީ މި ދަންނަވާހެން ފައިސާ ލިބިގެން، އެހެންވީމަ އަޅުގަނޑުމެން މިހާރު މިއުޅެނީ ފިނޭންސަށް ލިޔެގެން ރެވެނިއު ފަންޑަށް ޖަމާކޮށްފައި ހުރި، ރިސޯޓްތަކުން އުކާލާ ކުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފީ [ފައިސާ] ބޭނުން ކުރެވޭ ގޮތަށް ހަދަން، އެ ފައިސާ އަޅުގަނޑުމެންނަށް ބޭނުންކުރެވޭ ގޮތަކަށް ނޫން އޮންނަނީ،" ރުކުމާ ވިދާޅުވި އެވެ.
ކުނީގެ ފައިސާ ނުދައްކާ މައްސަލައިގައި ފިނޭންސްގެ ބަހެއް ހޯދަން އެ މިނިސްޓްރީގެ އެކި އޮފިޝަލުންނަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
ސިޓީ ކައުންސިލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އާންމު މަސްމަހު މާލެއިން ދުވާލެއްގެ މައްޗަށް 750 ޓަނުގެ ކުނި އުކާލަ އެވެ. އެހެން ކަމުން 15 ޓަނުގެ ކުނި އުފުލޭ 50 ލޮރީގެ ކުނި ދުވާލެއްގެ މައްޗަށް މާލެއިން ބޭރުކުރެ އެވެ.