އޮލިމްޕިކްސްގައި ރޭ ސެނަގާލް އަތުން ގްރޭޓް ބްރިޓަން ޓީމު 1-1 އިން އެއްވަރުވި މެޗުގައި ގްރޭޓް ބްރިޓަން ޓީމަށް ކުޅުނު ވޭލްސްގެ ކެރިއަގް ބެލަމީ އާއި ކެޕްޓަން ރަޔަން ގިގްސް ގައުމީ ސަލާމް ކިޔަން ދެކޮޅު ހަދައިފި އެވެ.

ގްރޭޓް ބްރިޓަން ޓީމަކީ އިނގިރޭސި ރާނީ އެންމެ އިސްމީހަކަށް ބަލާ އިނގިރޭސިވިލާތާއި ވޭލްސް އަދި ނޮދަލް އަޔަލޭންޑާއި ސްކޮޓްލޭންޑުން ނެގި ޓީމެކެވެ. މި ޓީމުގެ ކެޕްޓަނަކީ ރަޔަން ގިގްސް އެވެ. އޭނާ ރޭ ގައުމީ ސަލާމް ނުކިޔައި ހުރުމުން ކޯޗު ސްޓުއަޓް ޕިއާސް ބުނީ ކުޅުންތެރިން ގައުމީ ސަލާމް ކިއުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.

ގިގްސް އާއި ބެލަމީގެ އިތުރުން ޖޯއެލަން އާއި ނީލް ޓެއިލާ ވެސް ތިބީ ގައުމީ ސަލާމުގެ ވަގުތުކޮޅު ދެތުންފަތް ފިއްތައިގެންނެވެ.

ގާތްގަނޑަކަށް ބައި ގަރުނަށްވުރެ ގިނަ ދުވަސް ފަހުން ގްރޭޓް ބެރިޓަން ޓީމު ރޭ ކުޅުނު މެޗުގައި އިނގިރޭސި ވިލާތަށް ނޫން އަނެއް ތިން ގައުމުގެ ކުޅުންތެރިން ގައުމީ ސަލާމް ނުކިޔައި ތިބުމުން ކޯޗު ބުނީ ބައެއް ކުޅުންތެރިންނަށް ގްރޭޓް ބްރިޓަންގެ ގައުމީ ސަލާމުގެ މާނަ ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް މިއީ ގްރޭޓް ބެރިޓަން ޓީމު ކަމަށެވެ. އަދި ގައުމީ ސަލާމް ނުކިޔައިތިބި ވޭލްސް ކުޅުންތެރިންނާމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. ރޭ ގްރޭޓް ބްރިޓަންގެ ލަނޑު ޖެހީ ވެސް ގައުމީ ސަލާމް ނުކިޔައި ހުރި ބެލަމީ އެވެ.