ޔަންގޫން (ޖުލައި 27) : މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ދަށުން މުސްލިމުން ނަމާދުކުރުމާއި ތަރާވީޙު ނަމާދުކުރުން މަނާކޮށް ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ މުސްލިމް ދަރިވަރުން ހައްޔަރުކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިޔަންމާއިން ލިބޭ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންގެ ނައްތާލުމައްޓަކައި އެމީހުން މަރަމުން ގެންދިޔުމުގެ އިތުރުން މިސްކިތްތައް އެންދުމާއި މުސްލިމް އަންހެނުން ވަގަށް ނަގައި އެމީހުން ރޭޕްކޮށް މުސްލިމް ފިރިހެނުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ވެސް ބަރަކާތްތެރި ރަމަޟާންމަހުގައި ވަނީ ކުރިޔަށްވުރެ އިތުރުވެފަ އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން މުސްލިމުން ނަމާދުކުރުމާއި ތަރާވީޙު ނަމާދުކުރުން މަނާކޮށް ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ މުސްލިމް ދަރިވަރުން ހައްޔަރު ކުރުމުގެ އޮޕަރޭޝަންތައް ހިންގަމުން ގެންދާއިރު ރެކިން ސްޓޭޓްގެ ހަރުކަށި ބުޑިސްޓުން މުސްލިމުންގެ ޖިފުޓިތަކުގައި ހުޅުޖެހުމާއި އެމީހުންގެ މުދަލާއި އަމިއްލަތަކެތި ފޭރުމުގެ ޢަމަލުތައްވެސް ރަމަޟާން މަހުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޚަބަރުތަކާއެކު ޕާކިސްތާނުގެ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންވަނީ މިޔަންމާއާ ދެކޮޅަށް ހަރަކާތްތެރިނުވާ މައްސަލާގައި ޕާކިސްތާން ސަރުކާރަށް އިންޒާރު ދީފައެވެ. މި އިންޒާރުގައި ތާލިބާނުންވަނީ މިޔަންމާއާ ގުޅުންތައް ކަނޑާލުމަށް ޕާކިސްތާން ސަރުކާރަށް އެންގުމުގެ އިތުރުން މިޔަންމާއާ ގުޅުން ބާއްވާ ޕާކިސްތާނުގެ ރައްޔިތުންނަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް ބޮން ބޮން ގޮއްވުމުގެ ޢަމަލުތަކެއް ހިންގަމުން ގެންދާ ތާލިބާނުންގެ ތަރްޖަމާން އިޙްސާނުﷲ އިޙްސާން ވިދާޅުވީ ޕާކިސްތާނުގައިވާ މިޔަންމާގެ އެންބަސީ ފަދަ ތަންތަން ބަންދު ނުކުރާނަމަ އެތަންތަނަށް ޙަމަލާދޭނެ ކަމަށާއި މިޔަންމާގައި މަރާލެވެމުންދާ ރޮހިންގިޔާ ދަރިކޮޅު މުސްލިމުންގެ ބަދަލު ވަރަށް ވޭންދެނި ގޮތަކަށް ހިފާނެ ކަމަށެވެ.

މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކަށް ކެތްނުރެވިގެން އަވަށްޓެރި ބަންގްލަދޭޝަށް ރެފިއުޖީންގެ ގޮތުގައި ދާ މުސްލިމުންނާމެދު ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ވެސް ކަންތައްތައް ކުރަނީ ވަރަށް ހަރުކަށިކޮށް ކަމަށާއި މިޔަންމާގެ މުސްލިމުންނާމެދު ބަންގްލަދޭޝްގެ ސަރުކާރުން ވެސް ރަހުމެއް ނުގެންގުޅޭ ކަމަށް އެހީދިނުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

ސައޫދީ އަރަބިޔާގައި މަރުކަޒުހުންނަ މުސްލިމް ވޯލްޑް ލީގް (ރާބިތާ) އިންވަނީ މިޔަންމާގެ މުސްލިމުންނާމެދު އޯގާތެރިވުމަށާއި އެމީހުންނަށް އިސްލާމީ ޤައުމުތަކުން ފޮނުވާ އެހީގެ ބާވަތްތައް އެމީހުންނަށް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދިނުމަށް ބަންގްލަދޭޝްގެ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް ރޮހިިންގިޔާ ދަރިކޮޅުގެ 20 ހާހެއް މުސްލިމުން މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުގެ އަތްދަށުން ކަތިލާލެވިފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާގެ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ