އަތޮޅުތަކުގެ ދަނޑުވެރިން އަބަދުވެސް ރޯދައަށް ބޮޑު ހަރަދެއްކޮށް ދުރާލާ ތައްޔާރުވެ އެވެ. މޭވާ އާއި ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތަކާއި ކަރައާއި ކުރުނބާ، އަދި ރޯދައަށް ބާރު ބޮޑުވާ ހުރިހާ ބާވަތެއްހެން ހިފައިގެން މާލެ އަންނަނީ ދަތުރުވެރިންގެ މާރުކޭޓުން ޖާގައެއް ހޯދާށެވެ. ނަމަވެސް ދަތުރުވެރި ދަނޑުވެރިން އަބަދުވެސް ދިމާވެފައި އޮންނަނީ އެމީހުން ވަންނެ ގޮޅިއެއް މާރުކޭޓުން ނުލިބޭ މައްސަލައަ އެވެ. މާރުކޭޓުގައި ގިނަ ގޮޅިތަކެއް ނުހުންނާތީ ބައެއް ދަނޑުވެރިން ވިޔަފާރި ކުރަން ދާން ޖެހެނީ ދުވާރު މައްޗަށެވެ. އެ ދަތިތައް ހައްލު ކޮށްދޭން މާލޭ ސިޓީ ކައުންސިލުން ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ވަގުތީ މާރުކޭޓެއް ދަތުރުވެރިންނަށް އަޅައިދެ އެވެ. ކުރީގެ ނާދީ ހުރި ބިމުގައި މިއަހަރު އަތޮޅުތަކުގެ ދަނޑުވެރިންނަށް ވަނީ މާރުކޭޓެއް އަޅައިދީފަ އެވެ.

"އަޅުގަނޑުމެން އެތަން ހާއްސަ ކުރީ ދަތުރުވެރިންގެ ވިޔަފާރި އެތަނުގައި ރަނގަޅުވާނެތީ، އަދި އެތަނަކީ ވަރަށް ރަނގަޅު އެއް ލޮކޭޝަން، އަނެއްކާ ޖާގަވެސް އޮތްތަނެއް އެއީ،" ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު (ސުޖާ) ވިދާޅުވި އެވެ.

ވިޔަފާރީގެ ނަޒަރަކުން ވިސްނާނަމަ އެ ސަރަހައްދުން ދަނޑުވެރިން ރަނގަޅު އެޑްވާންޓޭޖެއް ހޯދެން އޮތް ނަމަވެސް ރޯދަމަހުގެ ފުރަތަމަ ހަފުތާ ނިމޭއިރު ދަތުރުވެރިންގެ އެ މާރުކޭޓްގެ ފެންނަނީ ހުސްކޮށެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގަށްވާ ގޮތަށް އެ ސަރަހައްދު ހުޅުވާލާފައި އޮތް ނަމަވެސް އެތަނަށް ވަދެ ތިބީ އަށެއްކަ ދަނޑުވެރިންނެވެ.

ޖާގައެއް ހޯދި މަދު ދަނޑުވެރިންގެ ތެރެއިން އެކަކު ބުނީ އެތަނުގައި ވިޔަފާރި ކުރަން އުނދަގޫލީ މުދާ ވިއްކުމަށް ބޭނުންވާނެ ގޮޅިތައް ހެދިފައި ނެތުމާއި މުދާ ބަހައްޓާނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ނެތުމުން ކަމަށެވެ.
އެހެން ހުރިހާ އެންމެން ވެސް ބުނީ މާރުކޭޓެއްގެ ގޮތުގައި ބިމެއް ދައްކާފައި ވަނީ އެއްވެސް އިންތިޒާމަކާ ނުލައި ކަމަށާއި މިހާރު ތިބި އެންމެން ވެސް ތިބީ އަމިއްލައަށް "ގޮތެއް ހަދާލައިގެން" ކަމަށެވެ.

"އެކަމަކު މިތަން، މި ސަރަހައްދު ކިތަންމެހާވެސް ރަނގަޅު، މައްސަލައަކީ މިތަނުގައި ޓެންޓެއް އެކަނި މި ހުރީ، އަނެއްހެން މުދާ ބެހެއްޓޭނެ ގޮތަށް ގޮޅިތައް ހަދާފައެއް ނުހުރޭ، އެންމެ ފަހުން އަޅުގަނޑުމެން އަމިއްލައަށް މި ޖެހެނީ ގޮޅިތައް ހަދަން، އެހެންވީމަ އަސްލު ބޭނުމެއް ނުވޭ ގިނަ މީހުން [ ވިޔަފާރިވެރިން] މިތަނަށް އަންނާކަށް، ގޮޅިތައް ހަދައިފިއްޔާ ގިނަ ވިޔަފާރިވެރިން މިތަނަށް އަންނާނެ، އެކަކު ބުނެލި އެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި ޖާގައެއް ނެތެވެ. މަސްމާރުކޭޓު ކުރިމަތިން އޮތް ލޯކަލް މާރުކޭޓްގައި ވެސް ތަންކޮޅެއް ނެތެވެ. އަތޮޅުތަކުން ދިގު ދަތުރުތައް ކޮށް މާލެއަށް ދަނޑުވެރިންނަށް އަބަދުވެސް އޮންނަނީ ކޮންމެވެސް ގޮތެއް ހޯދަ ދޭންޖެހިފަ އެވެ. މިފަހަރުވެސް އެންމެ ގިނައިން ބާޒާރަށް ތަކެތި ގެނައީ ތޮއްޑު އާއި އައްޑޫގެ ދަނޑުވެރިންނެވެ.

އަލަށް ހަދާފައިވާ މާރުކޭޓްގައި ހުރި އެހެން ދަނޑުވެރި އަކުވެސް ބުނީ އޭނާ އެ މާރުކޭޓަށް ބަދަލުވީ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

"އެތާ [ދަތުރުވެރިންގެ މާރުކޭޓު] ގައި ތަންނެތިގެން މިތަނަށް މިއައީ، އެހެން ނޫނީ ނާންނާނަން، މިކޮޅުގައި މަދުވިޔަފާރިވެރިން ތިބޭތީ މީހުން އަންނަ މިންވަރުވެސް މަދު، މާރުކޭޓަށް ގޮސްފިއްޔާ ހުރިހާ އެއްޗެއް ލިބޭނެ، މިތަނުގައި ނުވާނެ އެހެންނެއް، އެހެނެއް ނޫން މިތަނުގައިވެސް ވަގުތީ ގޮތުން ގޮޅިތައް ބަހާލައިފިއްޔާ ގިނަ ވިޔަފާރިވެރިން އައިމާ ވިޔަފާރިވެސް ރަނގަޅުވާނެ،. ގޮޅިތައް ހަދައިދޭނަމޭ ސިޓީ ކައުންސިލުން ބުނޭ، އެކަމަކު ހަދައެއް ނުދޭ،" ތޮއްޑޫގެ ދަނޑުވެރިޔަކު ބުންޏެވެ.

އާ މާރުކެޓުގައި ޓެންޓްތައް ޖަހައި ހިޔާކޮށްފައި ހުއްޓަސް ދަތުރުވެރިންގެ ވިޔަފާރިއަށް އެތަނުން ހިޔާއަޅައެއް ނުދެ އެވެ. މެންބަރު ސުޖާ ވިދާޅުވީ ދަތުރުވެރިންގެ ޝަކުވާތައް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ރޯދަމަސް ނިމުމުގެ ކުރިން އާ ކަރާ މާރުކޭޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރާނެ ކަމަށެވެ.