ޤާހިރާ (ޖުލައި 27): އިސްރާއީލުގެ އަނިޔާވެރިކަމާއި ޙިސާރުގެ ދަށުގައިވާ ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ އިންސާނީ ވޭންތައް ލުއި ކޮށްދިނުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް މިސްރުން އަޅާނެކަމުގެ ޔަގީންކަން މިސްރުގެ އައު ރައީސް ޑރ. މުޙައްމަދު މަރްސީ ދެއްވައިފި އެވެ.

މަރްސީ މި ޔަގީންކަން ދެއްވީ ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ އިސްމާޢީލް ހަނިއްޔާ އާއި ޤާހިރާގައި އިއްޔެ ބައްދަލު ކުރެއްވުމުގެ ތެރޭގަ އެވެ. ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ހަނިއްޔާއަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ސަރުކާރުގެ އިސްވެރިޔާ އެވެ.

ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ ޙިސާރާއި އިންސާނީ ވޭންތައް ލުއިކޮށްދިނުމަށް މިސްރުން އަޅާނެކަމަށް ރައީސް މަރްސީ، ހަނިއްޔާއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ރަށުބަންދުގައި ބޭތިއްބުމަށް އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތައް ފޫއަޅުވާލުން ހިމެނެއެވެ.

މަރްސީއާއި ހަނިއްޔާ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މިސްރާއި ޣައްޒާގެ ސަރަޙައްދީ ރޮނގު ފަލަސްތީނުގެ ރައްޔިތުންނަށް ހުޅުވާލުމާއި ޣައްޒާއާއި މިސްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ފަލަސްތީނުގެ ރައްޔިތުން މިސްރަށް ވަންނަ ކޮންމެ ފަހަރަކު ވިސާއަކާނުލާ ތިންދުވަހު މިސްރުގައި އުޅުމުމުގެ ފުރުސަތު ދިނުމާއި ޣައްޒާއަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި ބޭހާއި ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީތަކެތި ފަސޭހަކަމާއެކު މިސްރުގެ މަގުން ޣައްޒާއަށް އެތެރެކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.

ޣައްޒާގެ ޙިސާރު ފޫއަޅުވާލުމަށްޓަކައި މީގެތެރެއިން ބައެއްކަންތައްތައް މިސްރުން މިހާރު ވެސް ވަނީ ތަންފީޒު ކުރަންފަށާފަ އެވެ. ނަމަވެސް ރައީސް މަރްސީގެ ސަރުކާރު ބޭނުންވާ މިންވަރަށް ޣައްޒާގެ ޙިސާރުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އެމެރިކާއާއި އިސްރާއީލުގެ ފަރާތުން މަރްސީގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުންވަނީ 2006 ން ފެށިގެން މަދު ޢަދަދެއްގެ ކާބޯތަކެތި ފިޔަވައި އެނޫން ތަކެތި ޣައްޒާއަށް އެތެރެކުރުން މަނާ ކުރުމަށްޓަކައި ޙިސާރުގެ ވަރުގަދަ ފިޔަވަޅުތަކެއް ޣައްޒާއާ ދެކޮޅަށް އަޅާފައެވެ. މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގެ ނިޒާމުންވަނީ ޙިސާރުގެ މި ފިޔަވަޅުތަކުގައި ބައިވެރިވެ އިސްރާއީލަށް އެއްބާރުލުންދީފަ އެވެ. ނަމަވެސް މުބާރަކްގެ ވެރިކަން ވެއްޓުމަށްފަހު ޤާއިމްކުރި މިސްރުގެ އިންތިޤާލީ ސަރުކާރުން ޙިސާރުގެ މިިފިޔަވަޅުތަކަށް ކޮންމެވެސް ވަރަކަށް ލުއިތައް ދެމުން ގެންގޮސްފައިވެ އެވެ.

މަރްސީއަކީ ޙަމާސް ޖަމާއަތުގެ އިސްވެރިންނާ ބައްދަލުކުރެއްވި މިސްރުގެ ފުރަތަމަ ރައީސެވެ. އޭނާވަނީ ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލްއާ ވެސް ދާދިފަހުން ބައްދަލު ކުރައްވާފަ އެވެ. މުބާރަކްގެ ދުވަސްވަރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެއްވެސް ޖަމާއަތެއްގެ ވެރިއަކާ އޭނާ ބައްދަލުކުރައްވާފައެއް ނުވެއެވެ. -- އަލްޖަޒީރާ