27 Jul 2012, 13:25
އިސްލާމްދީނުގެ ފުރިހަމަކަމުގެ ތެރޭގައި ކޮންމެ މުސްލިމަކު އޭނާގެ އަޚާއަށްޓަކައި ހެޔޮދުޢާ ކުރުމާއި، ހެޔޮއެދުމުގެ އަމަލުތަކެއް ކުރުން ފަރުޟުކުރައްވައިފައި ވުން ހިމެނެއެވެ. ތިމާގެ އަޚާއަށްޓަކައި ހެޔޮދުޢާ ކުރުމެވެ. އޭނާ ފުރައުއްތަވެއްޖެ ނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ. އޭނާގެ ކަށުކަމާކެމީގެ ކަންތައް އިންތިޒާމު ކުރުމެވެ. އޭނާ ކިނބިއްސެއް އަޅައިފިނަމަ އޭނާއަށް ހެޔޮދުޢާ ކުރުމެވެ. އޭނާގެ ހުވާ ފުރިހަމަކުރުމެވެ. އޭނާ ޖާއިޒުކަމަކަށް ހުވާގެ ޢިބާރާތުން ބާރުއަޅައި އެދިއްޖެ ހިނދެއްގައި އެކަމެއްގައި އޭނާގެ ހުވާ ފުރިހަމަކޮށްދިނުމެވެ. އޭނާގެ ދަޢުވަތު ޤަބޫލުކުރުމެވެ. އޭނާގެ ސަލާމަށް އޭނާގެ ސަލާމާ އެއްފަދަޔަކުން ނުވަތަ އެއަށްވުރެ ރީތިކޮށް ޖަވާބުދިނުމެވެ.
އެއްވެސް މުސްލިމަކު ނުވަތަ މުސްލިމުންގެ ޒިންމާގައިވާ މީހަކަށް (މުސްލިމުންގެ ރަށެއްގައި ދިރިއުޅޭ ޣައިރު މުސްލިމަކަށް) ހަތިޔާރުން ނުވަތަ އެނޫންވެސް ގޮތަކުން އިންޒާރުދީ ބިރުގެންނެވުމަކީ މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ތިމާގެ މުސްލިމު އަޚާއަށް އޭނާ ހިތްހަމަނުޖެހޭ ފަދަ ނުވަތަ ފިކުރުބޮޑުވެ ހާސްވާފަދަ ދޮގު ޚަބަރެއް ދިނުމަކީވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މުސްލިމުން އެކަކު އަނެކެއްގެ އައިބުތައް ހޯދަން އުޅުމާއި، ތިމާގެ އަޚާ ވަންހަނާ ކުރަން ބޭނުންވާ ސިއްރުތައް ފާޅުކުރަން މަސައްކަތް ކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ.
އިސްލާމްދީން އިރުޝާދުދެނީ ޚުދު ތިމާ އަމިއްލަޔަށް ލިބުން އެދޭ ކޮންމެ ރަނގަޅުކަމަކާއި، ހެޔޮގޮތެއް ތިމާގެ މުސްލިމު އަޚާއަށްވެސް ލިބުން އެދުމަށެވެ. މުސްލިމުން ކުރެ ދުވަސްވީ މީހުންނަށް އިޙުތިރާމް ކުރުމަށާއި، ކުޑަކުދީންނަށް އޯގާވެރި ވުމަށެވެ. މުސްލިމުންނަށް ހުތުރު އެއްޗެހި ގޮވައި މަލާމާތްކޮށް ފުރައްސާރަކޮށް ނެހެދުމަށެވެ.
އިސްލާމްދީން އިރްޝާދުދީ ބާރުއަޅަނީ އަޚުންތަކެއްގެ ގޮތުގައި އުޅުމަށެވެ. އިސްލާމްދީން އެކަކުއަނެކަކަށް ދުއްތުރާކުރުން މަނާކުރެއެވެ. އެކަކުއަނެކެއްގެ ހިތުގައި ޖެއްސުން ނަހީކުރެއެވެ. މުސްލިމުންގެ ލެޔާއި އިއްޒަތާއި އަބުރު ޙަރާމްކުރެއެވެ. ކަންމިހެން ހުރިއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާގެ އަމަލުތައް އަމިއްލަޔަށް ކިރައި ވަޒަންކޮށްލުން މުހިއްމެވެ. ޚާއްޞަކޮށް މިހާރު އަޅުގަނޑުމެން މިހޭދަކުރާ ފަދަ ހެޔޮކަމުގެ މޫސުންތަކުގައެވެ. އާއްމުކޮށް އަޅުގަނޑުމެންގެ ކޮންމެ ދުވާލެއްގައްޔާި، ރޭގަނޑެއްގައެވެ. އެހެނީ އަޅުގަނޑުމެންގެ ޢަމަލުތަކާމެދު ޖަވާބުދާރީވާން ޖެހޭ ދުވަހެއް ދާދިގާތުގައި އެބައޮތްކަމީ އެންމެ ބޮޑު ޙަޤީޤަތްތަކުގެ ތެރެއިން އެއް ޙަޤީޤަތެވެ.