12 May 2025, 09:01
ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "ކަހީން ތޯ ހޯގާ"ގެ ލީޑް ތަރިން ކަމަށްވާ އާމްނާ ޝަރީފް އާއި ރަޖީވް ކަންޑެވާލް އެކީގައި މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މި ސިލްސިލާގެ މަޝްހޫރު ކެރެކްޓާތައް ކަމަށްވާ ސޫޖަލް-ކަޝިޝްގެ ކެރެކްޓާ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އޮން ސްކްރީން ޖޯޑެކެވެ.
އާމްނާ އާއި ރަޖީވް އެކީގައި މަސައްކަތް ކުރަމުން އަންނަކަން މީޑިއާތަކުން ތަންކޮޅެއް ކުރިން ވެސް ބުނެފައިވާއިރު ދާދިފަހުން ދެ ތަރިން އެކީގައި ފިލްމު ސެޓުގައި ނަގާފައިވާ ފޮޓޯތަކުން އެއީ ޔަގީން ކަމެއްކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ދެ ތަރިން އެކީގައި މަސައްކަތް ކުރަމުން އަންނަނީ އިޝްތިހާރެއްގައެވެ.

ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ކަހީން ތޯ ހޯގާ"ގެ މަންޒަރެއްގައި އާމްނާ ޝަރީފް އާއި ރަޖީވް ކަންޑެވާލް--ފޮޓޯ/ޕިންކްވިލާ
ދެހާހުގެ އަހަރުތަކުގައި ގެނެސްދިން ޓެލެވިޒަން ޝޯތަކުގެތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ކަހީން ތޯ ހޯގާ"ގެ އެންމެ ފަހު އެޕިސޯޑުތައް ގެނެސްދިނީ 2007 ވަނަ އަހަރުއެވެ. މި ސިލްސިލާގެ ވަކި ހިސާބަކުން ރަޖީވް ކަންޑެވާލް ވަކިވި ނަމަވެސް އާމްނާ ވަނީ ސިލްސިލާގައި މަސައްކަތް ކޮށްފައެވެ.
ރަޖީވް ކުޅުނު ސޫޖަލްގެ ކެރެކްޓާއިން ފަހުން ފެނުނީ ޓެލެވިޒަން އެކްޓަރު ގުރްޕްރީތް ސިންގްއެވެ. ރާޖީވް އާއި އާމްނާ އެކީގައި ސެޓުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާޏް ފެށުމާ އެކު ދެ ތަރިންގެ ސަޕޯޓަރުން ބުނެފައި ވަނީ އިތުރު ފޮޓޯތައް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ހަމައެއާއެކު ދެ ތަރިން އެކީގައި ޑްރާމާއަކުން ފެންނާނީ ކޮންއިރަކުތޯ ސަޕޯޓަރުން ވަނީ ސުވާލުކޮށްފައެވެ.
ރާޖީވް ބައެއް ވެބް ސީރީސްތަކުންނާއި ފިލްމުތަކުން ފެނިފައިވާއިރު ބަތަލާ އާމްނާ ވަނީ 2020 ވަނަ އަހަރު ސްޓާ ޕްލަސްއިން ގެނެސްދިން "ކަސައުޓީ ޒިންދަގީ ކޭ 2"ގެ ރޯލަކުން ފެނިފައެވެ. އާމްނާ ވަނީ 2022 ވަނަ އަހަރު ވޫޓް ސިލެކްޓްއިން ގެނެސްދިން "އާދާ އިޝްޤް" ވެބް ސީރީސްގެ ބަތަލާގެ ރޯލްއިން ފެނިފައެވެ.