27 Jul 2012, 13:21
މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 6.1 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މިދިޔަ މަހު ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި މިންވަރު އިތުރުވި ނަމަވެސް ޒަމާންވީ މާކެޓްތައް ކަމަށްވާ ޔޫރަޕުން ރާއްޖެ އަންނަ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޖަރުމަނުން ވެސް މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު 9.4 ޕަސެންޓު ދަށަށް ވެއްޓިފަ އެވެ. އިނގިރޭސި ވިލާތުގެ މާކެޓް ވެސް ވަނީ ތިން ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ރަޝިޔާއިން އައި ޓޫރިސްޓުންގެ އަދަދު ވެސް 12.3 ޕަސެންޓަށްވީ ދަށެވެ. އަދި އިޓަލީން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 32.8 ޕަސެންޓް ވެއްޓުނެވެ.
ޒަމާންވީ މާކެޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މަހުން މަހަށް އިތުރުވަމުންނެވެ. މިދިޔަ މަހުވެސް ޗައިނާއިން ރާއްޖެއަށް 17809 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު އެއީ 15.6 ޕަސެންޓުންގެ ކުރިއެރުމެކެވެ. މިއީ ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލްތަކަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
މެދުއިރުމަތިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ ވަނީ 110 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެ ސަރަހައްދުން އެންމެ ގިނަ ޓޫރިސްޓުން އައީ ސައުދީ އަރަބިއްޔާއިން ނެވެ.
މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް ވަނީ 59379 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއަހަރުގެ މިހާތަހަނަށް 458068 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ކަޑައަޅާފައިވާ ލަޑުދަޑިއަކީ މި އަހަރު ނިމޭއިރު އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.