12 May 2025, 09:04
އިންޑިއާގެ ސޮނީ ޓީވީއިން ގެނެސްދޭ މަގުބޫލު ޓީވީ ޝޯ "ސީއައިޑީ"ގެ އާ އޭސީޕީގެ ރޯލަށް ގެނައި އެކްޓަރު ޕާތު ސަމްތާން އެ ސިލްސިލާއިން ވަކިވާ ނިންމިކަން އިއުލާނުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ އެކްޓަރު ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭސީޕީ އަޔުޝްމާންގެ ރޯލަށް އޭނާ ގެންދިޔައީ ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ.
އެންމެ ފުރަތަމަ އޭނާ އެ ސިލްސިލާގައި ކުޅެން ހަމަޖެހުނީ ގެސްޓް އެޕިއަރެންސެއްގެ ރޯލް ނަމަވެސް ދެ ތިން މަހަށް އޭނާ ކުޅުނު ރޯލް ދިގުދެމިގެން ދިޔަ ކަމަށް ޕާތު ވަނީ ބުނެފައެވެ.
މި ސިލްސިލާއިން އޭނާ ވަކިވަނީ އޭނާ މާކުރިން ސޮއިކޮށްފައިވާ އެހެން ޝޯތަކުގައި މަސައްކަތް ކުރުމަށް ކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުގައި ޕާތު ވަނީ ބުނެފައެވެ.

"ސީއައިޑީ" ސިލްސިލާގެ ޕޯސްޓަރެއްގައި އެ ސިލްސިލާގެ މަޝްހޫރު އެކްޓަރު ޝިވާޖީ ސަތަމް--ފޮޓޯ/މިޑްޑޭ
ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޕާތު "ސީއައިޑީ"އިން ވަކިވާން ނިންމި ނިންމުމަކީ އެ ސިލްސިލާ ފެށުނީއްސުރެ އޭސީޕީގެ ރޯލްއިން ފެނުނު އެކްޓަރު ޝިވާޖީ ސަތަމް އެނބުރި "ސީއައިޑީ"އަށް އަންނާތީ ކަމަށެވެ.
ޕާތު "ސީއައިޑީ"ގެ އާ އޭސީޕީގެ ރޯލަށް ގެނައީ އޭސީޕީ ޕްރަދިއުމަން ސިލްސިލާގައި މަރުވުމާ ގުޅިގެންނެވެ. އޭސީޕީ ޕްރަދިއުމަންގެ ރޯލަށް އެކްޓަރު ޝިވާޖީ ސަތަމް އެނބުރި އައުމާ އެކު ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ. އޭނާ ކުޅޭ އޭސީޕީ ކެރެކްޓާ އަކީ މި ސިލްސިލާގެ އެންމެ މުހިއްމު އަދި އެންމެ މަގުބޫލު އެއް ކެރެކްޓައެވެ.
މިހާތަނަށް އިންޑިއާގައި ދައްކަމުން އަންނަ ޓެލެވިޒަން ޝޯތަކުގެ ތެރެއިން ދިގު ތާރީޚެއް އޮތް "ސީއައިޑީ"އަކީ ބެލުންތެރިންނަށް ގެނެސްދެމުން އަންނަތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.
މި ޝޯ ނެޓްފްލިކްސް މެދުވެރިކޮށް ވެސް ބަލާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.