27 Jul 2012, 02:04
ސިލްސިލާކޮށް އެމްޑީޕީން ކުރިއަށްގެންދާ ސީދާ ހަރަކާތްތުގެ ތެރެއިން އަވަސް އިންތިހާބަކަށް ގޮވާލައި މިރޭ ޕެރޭޑެއް ބާއްވައިފި އެވެ.
އުސް ފަސްގަނޑުން މިރޭ 10:15 ގައި ފެށި އެ ޕެރޭޑްގައި އިސްކޮށް ތިއްބެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓާ ޝިފާ މުހައްމަދާއި އެމްޑީޕީގެ ޕާލަމެންޓުރީ ގްރޫޕުގެ ބައެއް މެންބަރުނެވެ. ނަމަވެސް ޕެރޭޑްގެ ވަކި ހިސާބަކުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކާއި ޕާލަމެންޓުރީ ގްރޫގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގިނަ ބަޔަކު ބައިވެރިވި ޕެރޭޑް ކުރިއަށް ދިޔަވަގުތު ސަފުގެ ކުރީގައި އެމްޑީޕީގެ ދިދަ ވިހުރުވުމުގައި އަންހެން ކުދިންތަކެއް ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. އެޕެރޭޑުގެ ކުރީގައި ސައިޑް ޑްރަމް ތަކަކާއެކު ހަރަކާތްތެރިވި ޒުވާނުންތަކެއްގެ ވަނީ މިއުޒިކް ވެސް ކުޅެފަ އެވެ.
ޕެރޭޑް ކުރިއަށް ދިޔަ ވަގުތު ބައިވެރިންވަނީ މާލޭގެ އެކި ހިސާބުތަކަށް މަޑުކޮށް ޝުއޫރު ފާޅުކުރުމުގެ އިތުރުން ދިދަ ވިހުރުވުމުގެ ތަފާތް ހުނަރުތަށް ދައްކާލާފަ އެވެ. އަދި އެމްއެމްއޭ ކައިރިއަށް މަޑުކޮށް ޝުއޫރު ފާޅުކުރި އެވެ.
އެމްއެމްއޭ ސަރަހައްދުގައި މަޑުކޮށް ޝުއޫރު ފާޅުކުރިއިރު ފުލުހުންގެ ބެރިކޭޑްތަކުގެ އެތެރޭގައި ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ކެމަރާމަން ފުލުހުންވަނީ ބެރިކޭޑްތަކުގެ ފަހަތަށް ޖައްސާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެ ޓިވީގެ ކެމަރާމަން ބެރިކޭޑްތަކުގެ ފަހަތަށް ޖެއްސީ ފުލުހުންގެ ފަރާތުން ރާއްޖެޓީވީއަށް މިހާރު އެއްބާރުލުން ނުދޭން ނިންމާފައިވުމުން ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި ހިނގާލުމުގައި މައިގަނޑު ޝުއޫރަކަށް އޮތީ އާދައިގެ މަތިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބަޣާވަތަކުން" ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނެ ރައީސް ވަހީދުގެ އިސްތިއުފާއަށާއި އަވަސް އިންތިހާބަކަށް ގޮވާލުމެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޕެރޭޑްގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް މަގުމަތިންދިޔަ ބައެއް ފުލުހުންނަށް އަމާޒުކޮށް "ބާޣީ" އަށް ގޮވައި ބައެއް ފުލުހުން ހުއްޓުވި އެވެ. ޕެރޭޑް ނިންމާލާފައިވަނީ ދަންވަރު 1:00 ޖެހިއިރު އެމްޑިޕީގެ ސިޔާސީ މައިދާން އުސްފަސްގަނޑަށެވެ.