27 Jul 2012, 00:10
އިންޑިއާގެ އާ ސްޓޭންޑަޑަށް ދިވެހި ކާގޯ ބޯޓުތައް ފައްތަން ތިން މަހުގެ މުހުލަތެއް ދީ އެ މުއްދަތުގައި ދިވެހި ބޯޓުތަކަށް އިންޑިއާގެ ބަނދަރު ތަކުން މުދާ ބަރުކުރުމުގެ ހުއްދަ ދޭން އިންޑިއާ ސަރުކާރުން މިއަދު ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓާ އަހުމަދު ސަމްހީދު ސަން އޮންލައިންއަށް މިރޭ ވިދާޅުވީ އެ ނިންމުމުގެ މަތިން މިއަދުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ދިވެހި ބޯޓުތައް އިންޑިއާގެ ސްޓޭންޑަޑަށް ފައްތަންޖެހޭ ކަމަށެވެ. އަދި އެ ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އިންޑިއާގެ މިންގަޑުތަކަށް ނުފެތޭ ދިވެހި ބޯޓުތަކަށްވެސް އިންޑިއާއިން މުދާ ބަރުކުރެވޭނެ ކަމަށެވެ.
"ޖުލައި 26 އިން ތިން މަސް ދުވަސް ވަންދެން އިންޑިއާ ސަރުކާރުން މި އޮތީ ތިން މަހުގެ ހުއްދައެއް ދޫކޮށްފައި ދިވެހި ބޯޓުތަކަށް، އެހެންވީމަ މި މުއްދަތުގައި ބޯޓުތަކަށް ބަރާބަރަށް މުދާ ބަރުކޮށް އަރުވާ ހެދޭނެ،" މިނިސްޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްދަތުގައި ސަރުކާރުން މަސައްކަތް ކުރާނީ އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން ދިވެހި ބޯޓުތަކަށް ލުއި ތަކެއް ހޯދައިދެވޭނެ ގޮތްތަކެއް ބެލުމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ކުލެސިފިކޭޝަން ސެޓްފިކެޓުގައި ވެސް އިންޑިއާ ބަނދަރަށް ވަދެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެ ސްޓޭންޑަޑްތަކަށް ފައްތަން އިންޑިއާ ދަތުރުކުރާ [ދިވެހި] ބޯޓުތަކަށް އުދަގޫތަކެއް ހުންނާނެ، އެހެންވެ އަޅުގަނޑުމެން މަސައްކަތް ކުރާނީ ވާހަކަ ދައްކައިގެން ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ސެޓްފިކެޓް އިންޑިއާއިން ގަބޫލު ކުރޭތޯ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އަވަސް ނިންމުމެއް އައިސްފައިމިވަނީ އިންޑިއާގެ ޓުޓްކޮރިން ބަދަރަށް މުދާ ބުރުކުރަން ދިޔަ ބައެއް ބޯޓުތައް ބަދަރަށް ނުވަދެވިގެން އަނބުރާ އައިސްފައި ވަނިކޮށެވެ. އިންޑިޔާއިން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން 25 އަހަރުވެފައިވާ 300 ޓަނުން މަތީގެ ބޯޓުތަކަށް އިންޑިއާގެ ބަދަރަށް ވަދެވޭނެ ވޯލްޑް ކްލާސް އިންސްޕެކްޝަން ސެޓްފިކެޓެއް އޮވެގެންނެވެ. އަދި ބޯޓުގެ އިންޝުއަރެންސްވެސް ވާންޖެހެނީ ޕީއެންއައި ސްޓޭންޑަޑަށް ފެތޭ އިންޝުއަރެންސަށެވެ.
އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުގާއި، ފިޔާ، އަލުވި، ލޮނުމެދު އަދި ބިސް ވެސް އެތެރެކުރާ އެއް ގައުމެވެ. އިންޑިޔާއިން ކޮންމެ އަހަރަކުވެސް މި ތަކެތީގެ ކޯޓާއެއް ރާއްޖެއަށް ދޫކުރެ އެވެ. ރޯދަ މަހަކީ އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ގިނަ ބާވަތްތަކުގެ ޑިމާންޑް ބޮޑުވެ އެ ތަކެތީގެ އަގުތައް މައްޗަށްދާ ދުވަސްވަރެކެވެ.