26 Jul 2012, 23:52
ސިޔާސީ ގޮތުން ރައްޔިތުންގެ ރުއްސައި ވަގުތީ ފައިދާއަށް ބޮޑުކުރި، ދައުލަތުގެ ހަރަދުތައް އަތްނުފޯރާ ހިސާބަށް ގޮސްފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި އައި ފުރަތަމަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ދަރުބާރަށް ވަޑައިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ މިއަދު ވަނީ ދަތި ދުވަސްތަކަކާ ކުރިމަތިލާންޖެހިފައި ކަމަށާއި ގައުމަށް ލިބޭ އާމްދަނީއަށްވުރެ އެކިއެކި ސިޔާސީ ބޭނުމަށް ހަރަދުތައް ބޮޑު ކުރުމުގެ ހީނަރު ކަމާ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ.
"މިއަދު ޤައުމު މިވަނީ ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައި. އެކިއެކި ސިޔާސީ ބޭނުމަށްޓަކައި، ޤައުމަށް އާމްދަނީ ލިބޭވަރަށްވުރެ ޚަރަދުތައް ބޮޑުކޮށް، މިވޭތުވެދިޔަ އަށެއްކަ އަހަރު ބަޖެޓަށް ލިބެމުން އައި ހީނަރުކަން، މިއަދު މިވަނީ ޤައުމީ ނާޒުކު ޙާލަތަކަށް ގޮސްފައި،" ރައީސް ވިދާޅުވި އެވެ. "ސިޔާސީ ގޮތުން ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި، މުސްތަޤްބަލަށް ވިސްނުމެއްނެތި، ވަގުތީ ފައިދާއަށްޓަކައި ޚަރަދުތައް ބޮޑުކުރަމުން ގޮސް، އަތްނުފޯރާ ހިސާބަށް ޚަރަދުތައް މިވަނީ ބޮޑުވެފައި."
ރާއްޖެއަށް ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކޮށް، ޚަރަދުތައް ކުޑަކޮށްގެން ނޫނީ އިޤްތިޞާދީ ހަމަޖެހުން ރާއްޖެއަށް ގެނެވެން ނޯންނާނެ ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ، އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރައްޔިތުންގެ އެހީ އެމަނިކުފާނަށް ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށައި ސަރުކާރުން ދޭ ސަބްސިޑީތަކުގެ ހަރަދު ހަމަޖެހިފައިވަނީ އޭގެ ބޮޑު ބައެއް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް ހޭދަވާ ގޮތަށް ކަމަށް ވުމުން އެ ގިންތިތަކުން ވެސް މިހާރަށްވުރެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބެން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުން އަޅުގަނޑު އެދެން! އެގޮތުން، ސަރުކާރުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން މިހާރު މިވަނީ މަޖުބޫރުވެފައި. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުންދޭ ސަބްސިޑީތަކުގެ ޚަރަދުތައް ހަމަޖެހިފައިވަނީ، އޭގެތެރެއިން ބޮޑު ބައެއް، ރާއްޖޭގައި ދިރިއުޅޭ އެއްލައްކައަށްވުރެ ގިނަ ބިދޭސީންނާއި އަދި އެއަށްވުރެ ގިނަ ފަތުރުވެރިންނަށް ވެސް ހޭދަކުރެވޭ ގޮތަކަށް. ކަން މިހެން ހުރުމާއެކު، މިފަދަ ބޮޑެތި ޚަރަދުތައް ކުރުމަށްޓަކައި މިދެންނެވި ގިންތިތަކުން ވެސް މިހާރަށްވުރެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބެން އެބަޖެހޭ،"
ރައީސް ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެ ރައީސުލް ޖުމުހުރިއްޔާކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ނުރައްކާތެރި ހަތަރު އަނގޮޅި އެއްގެ ކަންމަތީގައި ކަމަށާއި ނަމަވެސް ތަފާތު ފިކުރުތަކުގެ ސިޔާސީ ޕާޓީތަކާއިއެކު ސަރުކާރެއް އެކުލަވާލައި، ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ގައުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެވިފައިވާ ކަމަށެވެ.
"ގައުމުގެ ނާ ފަރަކަށް އެރިޔަ ނުދީ އަދި އަޑިޔަށް ދިޔަ ނުދީ ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި ދަތުރުކުރަމުން މިދަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަށް ފުރިހަމަކުރެވިފައިވާ މިއަށް ވުރެ ހަމަހިމޭން ބަނދަރެއްގެ އިންތިޒާރުގައި،" ރައީސް ވިދާޅުވި އެވެ.