ރާއްޖެއަށް ހަމަޖެހުން ގެނެސް ދުސްތޫރީ އަދި ޤާނޫނީ ވެރިކަން ފުރިހަމަކުރަން ބޭނުންވާ ޤާނޫނުތައް ފާސްކޮށް ނިންމައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ. އަދި ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި އަސާސްތަކަށް ޙުރްމަތްތެރިކޮށް ހިތުމަށް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ 47 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ދަރުބާރުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އިޖްތިމާއީ އިގްތިސޯދީ ހަމަނުޖެހުންތަކުން ސަލާމަތްވާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ސިޔާސީ ގޮތުން އެއް މިޞްރާބަކަށް ދިއުމަށް ބޭނުންވަނީ އެންމެންގެ ސަމާލުކަން ތަރައްގީގެ އަމާޒުތަކަށް ދީ ޤައުމުގެ މަޞްލަޙަތު އިސްކޮށްގެން ކަމަށެވެ.

"... މިއަދު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ދުސްތޫރީ އަދި ޤާނޫނީ ވެރިކަން ފުރިހަމަ ކުރުމަށްޓަކައި ޤާނޫނުތައް ފާސްކުރައްވައި ނިންމެވުމަށް އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް. އަޅުގަނޑުމެންގެ ޒަމާނީ ދުސްތޫރާ އެކަށީގެންވާ ޤާނޫނުލް ޢުޤޫބާތެއް ނުވަތަ ޕީނަލް ކޯޑެއް އަވަހަށް ފާސްކޮށްދެއްވުމަށް،" ރައީސް ވިދާޅުވި އެވެ. "ހަމައެހެން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ހިންގުމަށް ބޭނުންވާ ސިޔާސީ ޕާޓީތަކާއި، ކޯލިޝަން ސަރުކާރާބެހޭ ޤާނޫނެއް ވެސް ފާސްކޮށްދެއްވުމަށް. ޤައުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ޖިނާއީ އިޖުރާޢަތުގެ ބިލް ފާސްކޮށްދެއްވުމަށް. މިދެންނެވި ޤާނޫނުތައް ފުރިހަމަކުރުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށާއި، ކުށްތައް މަދުކުރުމަށާއި، މުޅި ޤައުމުގެ ސަލާމަތާއި އަމަންއަމާން ކަމަށްޓަކައި ކުރަން ޖެހިފައިވާ މުހިންމު މަސައްކަތްތަކެއްކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ،"

ރައީސް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ މަތިވެރި އަސާސްތަކަށް ރައްޔިތުން ޙުރްމަތްތެރިކޮށް ހިތުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބޯލަނބައި، ރިވެތި އަޚްލާގުގެ މިންގަނޑުގައި ސާބިތުވެ ތިއްބެވުމަށެވެ. ޤައުމު ހަމަޖެހުމަކަށް ގެންދަން މެދުނުކެނޑި ކުރާ މަސައްކަތްތަކުގައި އެއްބާރުލެއްވުން ދެއްވުމަށެވެ.

"ޤާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެއްވުމަށް. އަޅުގަނޑުމެންނަކީ މި ޤައުމުދެކެ ނުހަނު ލޯބިވާ، ޤައުމަށް ހުރިހާ ގޮތަކުންވެސް ހެޔޮއެދޭ، ޤައުމަށްޓަކައި ފަޚްރުވެރިވާ ބައެއް ކަމުގައި ދެއްކެވުމަށް. އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ޑިމޮކްރެޓިކް ވެއްޓަކީ، ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި، ބާރުމިނެއްގައި ޤާއިމުވެފައިވާ ވެއްޓެއް ކަމަށެވެ. އެއާއެކު ލިބިފައިވާ މިނިވަންކަމާއި ކުރިއެރުމާ އެއްވަރަށް އިޖްތިމާޢީ އަދި ސިޔާސީ ޙާލަތަކީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، އިޖްތިމާޢީ ގޮތުން ކުރަންޖެހި، ނުކުރެވިފައި ހުރި ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ، ޒަމާނީ ޑިމޮކްރަސީއެއްގެ ކުލަތައް. ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން، މި ޤައުމަށްވުރެ ބޮޑަށް ލިބިފައި އޮތީ ކޮން ޤައުމެއްގައިތޯ؟ ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، ދައުލަތުގެ މިނިވަން މުއައްސަސާތައް މިއަށްވުރެ ގިނައިން ހެދި، މަސައްކަތް ކުރަމުންދަނީ، ވަކި ކޮން ޤައުމެއްގައިތޯ؟ ކޮންމެ މީހަކަށްވެސް ޤާނޫނުގެ ރައްކާތެރިކަން، މިއަށްވުރެ ބޮޑަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ނިޒާމެއް އޮތީ، އެހެން ކޮން ޤައުމެއްގައިތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން އޮތް ނަމަވެސް ފަރުދުންނަށް ޤާނޫނު ލިބިދޭ ރައްކާތެރިކަން ހޯދައިދީ، ހަމަޖެހޭ މުޖްތަމަޢެއް ޤާއިމު ކުރެވޭނީ، ބިނާކުރެވެމުންދާ ޑިމޮކްރެޓިކް ނިޒާމުގައި ހުރި އަޑިގުޑަންތަކާއި، ތޫނު ކަނަން އޮމާން ކުރެވިގެން ކަމަށާއި ހެޔޮވެރިކަމެއް ޤާއިމް ކުރެވޭނީ، އެ ތޫނުކަމާއި، އަޑިގުޑަންތައް ފިލުވާލައިގެން ކަމަށެވެ.

"އޮމާން އަމާން ޑިމޮކްރަސީއެއްގެ ފުރިހަމަ ހިޔާ އަޅުގަނޑުމެންނަށް ލިބެންދެންވެސް އިޚްލާޞްތެރިކަމާއެކު، ހެޔޮވެރިކަމެއް ކޮށްދެވިގެން. ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ބޭނުން، ނަހަމަގޮތުގައި ނުކޮށް، ނިޒާމުގެ ބޭރަށް ނުގޮސް، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވިގެން. އަދި ހެދިފައިވާ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯލަނބައި، ޤާނޫނުގެ ވެރިކަން ދަމަހައްޓައިގެން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށް ބައްލަވާލައްވާ ރައީސް ވިދާޅުވީ މިހާރުގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށާއި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ދަށްވެ، ކަންބޮޑުވާންޖެހޭފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން މިއަދު ގޮސްފައިވުމުން ހިތާމަކުރަންޖެހޭ ކަމަށެވެ. ކުށެއްނެތް މީހުން މެރުމާއި، ވަކިވަކި ފަރުދުންނަށް ޙަމަލަ ދިނުމާއި، ބިރު ދެއްކުން އިތުރުވެ، ތަކުރާރުވަމުންދިއުމުގެ ހިތާމަ ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި، މީހުން މަރަމުން، އެހެން މީހުންގެ އަބުރަށް އަރައިގަންނަމުން، ވައްކަން ކުރަމުން، ފޭރެމުންދާއިރު، އެ މަންޒަރުތައް ބަލަން މިއަދު އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. މީހެއްގެ ފުރާނައަކީ، އޭގެ ޙައްޤު ބަދަލު ދެވޭނެ އެއްޗެއްތޯ؟ މީހުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދީ، މާރާމާރީ ހިންގުމަށް، އެކަންކުރާ ބަޔަކަށް ފުރްޞަތުދީގެން ތިބެން ވެއްޖެނަމަ، ޤައުމުގެ ޙާލަތު އޮންނާނީ ކިހިނެއްތޯ؟ ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދަމަހައްޓާނީ ކިހިނެއްތޯ؟ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ހޯދައިދޭނީ ކިހިނެއްތޯ؟" ރާއްޖޭގެ ރައްޔިތުންނާ، ރައީސް ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ސުލްހަވެރި ކަމާއި އަމާން ކަމުގެ ތާރީހުގެ މައްޗަށް އަޅި އަޅުވާލައްވާ ވިދާޅުވީ ރާއްޖެއަކީ ވަރަށް އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި، މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ ޤައުމެއް ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި އޮތް އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ނަގާލުމަށް މަދުބަޔަކު މަސައްކަތް ކުރާތީ ހިތާމަ ކުރައްވާ ކަމަށާއި އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ. ކަމަކާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، ފިތުނަފަސާދަ އުފައްދަން މަސައްކަތް ނުކުރުމަށާއި އެފަދަ ކަންކަން ހުއްޓާލުމަށް ރައީސް ގޮވާލެއްވި އެވެ.

"ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ އަގު ވައްޓާލުމަކީ، އެބަޔަކަށް ލިބޭ ޝަރަފެއް ކަމަށް ދެކޭ މަދު ބަޔަކު، ދިވެހިންގެ ތެރޭގައި ތިބިކަމީ، ވަރަށް ހިތާމަހުރި ކަމެއް. މިއީ ދިވެހި ކޮންމެ ރައްޔިތަކު، އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާއިރު، ތިމާގެ ޤައުމަށްޓަކައި ތިމާގެ ހިތުގައި އޮތް ލޯތްބާއި، ޤައުމަށްޓަކައި ދެވިފައިވާ ޤަދަރު އޮތީ ކޮން ތަނެއްގައިކަމާމެދު ސުވާލު އުފެދޭ. އެހެންކަމުން، މުޅި ޤައުމަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް، ޤައުމުގެ މުސްތަޤްބަލުގެ ޖީލުތަކަށް އަސަރު ފޯރުވަނިވި އެއްވެސް ކަމެއް، އަޅުގަނޑުމެން ކޮށްގެން ނުވާނެ. އެކަމުގެ ގެއްލުން އާޚިރުގައި ލިބޭނީ، ހަމައެކަނި އެންމެ ފަރުދަކަށް ނޫން. އެ ގެއްލުން ލިބޭނީ މުޅި ރާއްޖެއަށް. ރާއްޖޭގެ ރައްޔިތުންނަށް. ރާއްޖޭގެ އިޤްތިޞާދަށް. އަދި މިއީ، ރާއްޖޭގެ މިނިވަންކަމަށާއި، ޤައުމުގެ އިސްތިޤްލާލަށް އޮތް ވަރަށްބޮޑު ނުރައްކަލެއް،"

ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރު، ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ވިދާޅުވި އެވެ: "ޤައުމުގެ ނައު ދަތުރުކުރަމުން މިދަނީ، ކިތަންމެ ގަދަ ކަނޑެއްގައި ކަމުގައިވިޔަސް، މޫސުމުގެ ވިއްސާރަ ނިމުމާއެކު، ޤައުމުގެ ދުވެލި އަވަސްވެ، ﷲގެ ރަޙްމަތްފުޅާއެކު، ނަލަ ދަތުރަކަށް އަނެއްކާވެސް ނުކުންނާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއި އަދި ތިޔަބޭފުޅުންގެ ކެތްތެރިކަމާއެކު، މި ޤައުމު ކާމިޔާބު މަންޒިލަކާ ހަމައަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް،"

ގައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ތަނބެއް ކަމަށް އިޝާރާތް ކުރައްވާ އެތަނަބު ވަރުގަދަވެގެން ނޫނީ ބޭނުންވާ މިޞްރާބަކަށް ދަތުރެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާއިރު އެންމެ މުހިންމު ކަމަކީ، އިސްލާމްދީން ޙިމާޔަތްކޮށް ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަ ކުރުމާއެކު ހަމައެއި އެއްބައިވަންތަކަމުގެ ސަފުތައް ބަދަހި ކުރުން ކަމަށެވެ.

ދިވެހިން ހޯދާފައިވާ ޤައުމީ، ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމުގެ މައްޗައް އަލި އަޅުވައިލައްވާ ރައީސް ވިދާޅުވީ ޤައުމުގެ ތާރީޚުގައި އެކި ދުވަސްވަރު، ދިވެހިން ވަރަށްބޮޑު ހިތްވަރަކާއި ޤުރްބާނީތަކެއްވެގެން ހޯދާފައިވާ މިނިވަންކަމެއްކަމަކީ ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއެއް ކަމަށާއި ސިޔާސީގޮތުން އެފަދަ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާއިރު، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދެވި ކުރީގެ ރައީސް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ކުރެއްވި މަސައްކަތްތަކާއި ނޮވެމެބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ރާއްޖެއާއި ދިވެހިން ސަލާމަތްކުރުމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީއާއި، ހަނދާން ކުރަން ޖެހޭ ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ދަރުބާރުގައި އެ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިވެހި ދިދަ ނެގުމާއެކު ރިޔާސީ ކުރުނީސް ކުރުން ވެސް އޮތެވެ.