ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެންގޭނީ ތަހުގީގު މަރުހަލާގައި މެންބަރަކު ހައްޔަރު ކުރަން ޖެހިގެން ކޯޓު އަމުރެއް ހޯދައިގެން މެންބަރަކު ހައްޔަރުކުރާ ޒާތުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި މުޒާހަރާގައި މެންބަރުން ހައްޔަރު ކުރަނީ ކުރިން އެނގިގެން ނޫން ކަމަށާއި މުޒާހަރާއެއްގައި މެންބަރުން ހައްޔަރު ކުރަނީ އެވަގުތު ގާނޫނާއި ޚިލާފު ވުމުން ކަމަށެވެ. އެހެންކަމުން މަޖލީހުގެ ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެފަދަ ހާލަތްތަކުގައި މެންބަރުން ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް ނޭންގޭނެ ކަމަށެވެ.

"މުޒާހަރާއެއްގަ މެންބަރަކު ގާނޫނާއި ޚިލާފުވެގެން ހައްޔަރު ކުރަނީ ކުރިން ރާވާއިގެން ނޫން. އެއީ ހާދިސާއެއް ހިނގާފަ އޮންނަ ތަނަކުން އެމީހަކު ހައްޔަރު ކުރަނީ. އެހެންވީމަ މަޖިލީހުގެ ގަވާއިދު އެގޮތަށް އޮތްނަމަވެސް އެކަން އެގޮތަކަށް ނުކުރެވޭނެ. ކުރިއަށް އޮތްތާގަ ވެސް ނުކުރެވޭނެ. އެހެންނަމަވެސް މެންބަރަކު ހައްޔަރު ކުރެވިއްޖިއްޔާ ވަގުތުން މިހާރުވެސް ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިން ނޫނިއްޔާ ފޯންކޯލަކުން މަޖިލީހުގެ ރައީސަށް ނޫންނަމަ އަމީން އާންމަށް އެންގުމަށް އަޅުގަޑުމެން މަސައްކަތް ކުރަމުން ދަނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މުޒާހަރާއެއްގައި މެންބަރަކު ހައްޔަރު ކުރަނީ ކުރިން އަންގައިގެން ނޫންކަމަށް ވުމުން މެންބަރަކު ހައްޔަރުކުރާ ވަގުތު އެ ތަނުގައި އިންޗާޖަކަށް ތިބޭ ފުލުހުންނަށް ވެސް މެންބަރަކު ހައްޔަރުކުރިކަން ސީދާ ކޮމިޝަނާއަށް ވެސް ނޭންގޭ ކަމަށެވެ. އަދި ވިދާޅުވީ މެންބަރަކު ހައްޔަރު ކުރިކަން ފުލުހުންގެ އިސް ބޭފުޅުންނަށް އެނގޭ ހިސާބުން ވަގުތުން އެކަން މަޖިލީހުގެ ރައީސަށް އަންގާ ކަމަށެވެ.