ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ލޮލަށް ޕެޕާ ސްޕްރޭޖެހި މައްސަލަ ގާނޫނު އަސާސީންގެ 241 މާއްދާގައި ބުނާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވީ އެމްޑީޕީގެ ތިން މެންބަރެކެވެ. މަޖިލީހުގެ ގަވާއިދުގެ 123 މާއްދާގެ ދަށުން ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެންފައި ވާތީ އިއްޔެ ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް އެ ބައްދަލުވުން ބޭއްވީ އެ ކޮމެޓީއަށް އަލުން މެންބަރުން އަންޔަން ކުރުމަށް ނިންމާފައި ވެސް ވަނިކޮށެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުނަށްއައި ބަދަލާ ގުޅިގެން 241 ކޮމެޓިއަށް އަލަށް އަދި މެންބަރުން އަންޔަންކޮށްފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ބައްދަލުވުން ބާއްވާފައި ވަނީ ކުރިން ކޮމެޓީގައި ހިމެނުނު މެންބަރުންނާއެކު އެވެ. 241 ކޮމެޓީ އެކުލެވިގެންވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއެކު ޖުމްލަ 13 މެންބަރުންގެ މައްޗަށެވެ. އިއްޔެގެ ބައްދަލުވުމަށް ހާޒިރުވީ ހަތް މެންބަރުންނެވެ.

ކޮމެޓީގައި އިއްޔެ މެންބަރުން އިއްތިފާގުވެފައި ވަނީ ކޮމެޓީއަށް މެންބަރުން އައްޔަންކޮށް، މުގައްރިރާއި ނައިބު މުހައްގިރު ހޮވުމަށްފަހު މައްސަލަ އެޖެންޑާ ކުރުމަށެވެ.

ޖުލައި 15، 2012 ވަނަ ދުވަހުގެ ރޭ ޗާންދަނީ މަގު، ދިރާގު ސަރަހައްދުގައި އެމްޑީޕީން ކުރި މުޒާހަރާގައި ރައީސް ނަޝީދުގެ ލޮލަށް ފުލުހުން ޕެޕާ ސުޕްރޭ ޖެހީ އެ ސަރަހައްދުން މީހުން ފައްސާލުމަށް ފުލުހުން ކުރި މަސައްކަތުގަ އެވެ.

ރައީސް ނަޝީދުގެ ލޮލަށް ޕެޕާ ސުޕްރޭ ޖެހި މައްސަލައިގައި އދ. އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ރުޕާޓް ކޮލްވިލް ވިދާޅުވީ މާލޭގައި ބޭއްވި ހަމަނުޖެހުންތަކާއި ބޮޑު މުޒާހަރާތައް ރޫޅާލުމަށް އެކަށީގެންނުވާ ބާރުގެ ބޭނުން ފުލުހުން ކުރަމުންދާ ކަމަށެވެ.