26 Jul 2012, 16:03
އިންޑިއާގެ ޝިޕިން މިނިސްޓްރީން އެ ގައުމަށް ދަތުރުކުރާ ކާގޯ ބޯޓުތަކުގެ ގަވާއިދަށް ގެނައި ބަދަލަކާއި ގުޅިގެން ރާއްޖޭގެ ބައެއް މުދާ އުފުލާ ބޯޓުތައް އިންޑިއާގެ ޓުޓްކޮރިން ބަދަރަށް ނުވަދެވި އަބުރާ މާލެ އަންނަން ޖެހިއްޖެ އެވެ.
ސަން އޮންލައިންއާ ވާހަކަ ދެއްކި ބައެއް ކާގޯ ބޯޓުތަކުގެ އޯނަރުން މިއަދު ބުނީ އިންޑިޔާގެ ޓުޓްކޮރިންގެ ބަދަރަށް ނުވަދެވި ދެތިން ދުވަހު ތިބުމަށް ފަހު ބައެއް ބޯޓުތައް މިއަދު މާލެވެސް އައިސްފައިވާ ކަމަށެވެ. އަދި ބައެއް ބޯޓުތައް އަދިވެސް ޓުޓްކޮރިންގެ ބޭރުގައި މަޑުކޮށް ތިބި ކަމަށްވެސް ބައެއް އޯނަރުން ބުންޏެވެ.
"ބޯޓުގެ ކެޕްޓަން ބުނަނީ ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ކަންތައްތައް ފުރިހަމަ ނުވާތީ ބަދަރަށް ވައްދައިގެން މުދާ ބަރެއް ނުކުރެވޭނެ، އެހެންވެ އަޅުގަނޑުމެންގެ ބޯޓެއްވެސް އައިސްފި، އަދި އަނެއްބައި ބޯޓުތައް އެ ކޮޅުގައި މަޑުކޮށްގެންވެސް އެބަތިބި، އެއީ ގަވާއިދަށް ގެނައި އައު ބަދަލެއް ކަމަށް ބުނަނީ، އެކަމަކު އަޅުގަނޑުމެން އެތަނުން [އިންޑިއާ]އިން މުދާ ގެންނަތާ ކިތަންމެ ދުވަހެއް،" މާލެއާ އިންޑިޔާއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ އޯނަރަކު ބުންޏެވެ.
އެ މައްސަލައިގައި ޓްރާންސް ޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ކެޕްޓަން އަބްދުއް ލަތީފް މުހަންމަދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އިންޑިޔާއަށް ދަތުރުކުރާ ބޯޓުތަކުގެ ސޭފްޓީއާ ގުޅޭ ގަވާއިދަށް މިދިޔަ މަހު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށާއި އެ އިސްލާހުތަކާއި ގުޅިގެން ދިވެހި ބައެއް ބޯޓުތައް އިންޑިއާއިން ގަބޫލުކުރާ އައު މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ.
"އައު ގަވާއިދު އަޅުގަނޑުމެންނާއި ހިސާބަށް އައީ މިދިޔަ މަހު، އެ ގަވާއިދު އެ ބޭފުޅުން ނެރުއްވާފައި މި އޮންނަނީ މި އަހަރުގެ ޖޫން 22 ގައި، އެ ގަވާއިދަށް ނުފެތޭ ބޯޓުތަކެއް އެބަ އުޅޭ، އެއީ މިވާގޮތަކީ އެ ސްޓޭންޑަޑަށް ފައްތަން ވަރަށް ލާރި ހަރަދު ކުރަން ޖެހޭތީ އެބޭފުޅުން މި އިންނަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކްލެޝިފިކޭޝަނާއި އެއްޗިހި ހަދާފައި، އެހެންވީމައި މި މިންގަނޑަށް ނުފެތޭތީ މި އުޅެނީ ނުވަދެވިގެން،" ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ އަލަށް ގެނައި ބަދަލުތަކުގެ ދަށުން 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 300 ޓަނުން މަތީގެ ބޯޓުތަކުގައި އިންޓަނޭޝަނަލް އޮތޯރިޓީ އޮފް ކްލެސިފިކޭޝަން (އައިއޭއެކްސް) ގަބޫލުކުރާ ކްލެސިފައިޑް ސެޓްފިކެޓެއް އޮންނަން ޖެހޭ ކަމަށާއި ނޫނީ އިންޑިއާއިން ސަރުކާރުން ގަބޫލުކުރާ އޮތޯރިޓީއެއްގެ ކްލެސިފިކޭޝަން ސެޓްފިކެޓް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް ދިވެހި ގިނަ ބޯޓުތަކުގައި ހުންނަނީ ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ދީފައިވާ ކްލެސިފިކޭޝަން ސެޓްފިކެޓެކެވެ. އެ ސެޓްފިކެޓަކީ ވޯލްޑް ކްލާސް ސެޓްފިކެޓެއް ނޫންކަން އެނގިފައިވެ އެވެ.
ލަތީފު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކްލެސިފިކޭޝަން ގަބޫލުކުރުމަށް އިންޓިއާގެ ޝިޕިން މިނިސްޓްރީއާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި މުމްބާއީގެ ޑައިރެކްޓާ އޮފް ސިޕިންއާވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ އެ ޕޮއިންޓް މަންޓް ލިބޭއިރަށް އެކޮޅަށް ދާން ތައްޔާރަށް، އޭގެ ކުރިންވެސް އަޅުގަނޑުމެން އޮންނާނީ ސިޓީއަކުން މި ކަންބޮޑުވުންތައް އެބޭފުޅުންނަށް ދަންނަވާފައި، އަޅުގަނޑުމެންގެ ކްލެސިފިކޭޝަން ސެޓްފިކެޓަކީވެސް ހަމަ ރަނގަޅަށް އިންސްޕެކޓް ކޮށްގެން ދޫކުރާ ރަނގަޅު ސެޓްފިކެޓެއް،" ލަތީފު ވިދާޅުވި އެވެ.
އިންޑިއާގެ އައު ސްޓޭންޑަޓުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ ބޯޓުތަކުގެ އިންޝުއަރެންސް ވެސް ހުންނަން ޖެހެނީ، ޕީއެންއައި މިންގަނޑު ގަބޫލުކުރާ އިންޝުއަރެންސް ކަމަށްވެސް ލަތީފު ވިދާޅުވި އެވެ. އިންޑިއާޔަށް ދަތުރުކުރާ ގިނަ ބޯޓުތަކުގައި އެ މިންގަނޑުގެ އިންސުއަރެންސެއްނުހުރެ އެވެ. ލަތީފު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި ހުރި އިންސުއަރެންސް ކުންފުނިތަކުގެ ތެރެއިން އެ މިންގަނޑަށް އިންޝުއަރެންސް ފޯރުކޮށްދެވޭނެ ކުންފުނިތައް ބަލައި އެ ކުންފުނިތައް އެޕްރޫވް ކޮށްދިނުމަށް އިންޑިއާގެ ކިބައިން އެދިފައިވާ ކަމަށެވެ.
އައު މިންގަނޑަށް ބޯޓުތައް ފައްތަން ޖެހުމުން ބޮޑަތި ހަރަދުތަކެއް ބޯޓުތައް އޮޕަރޭޓް ކުރާ ކުންފުނިތަކުން ވަނީ ކުރަން ޖެހިފަ އެވެ. އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުގާއި، ފިޔާ، އަލުވި، ލޮނުމެދު އަދި ބިސްވެސް އެތެރެކުރާ ކުތާ އެއްގައުމެވެ. އިންޑިޔާއިން ކޮންމެ އަހަރަކުވެސް މި ތަކެތީގެ ކޯޓާއެއް ރާއްޖެއަށް ދޫކުރެ އެވެ.
އެކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދުވެސް މިއަދު ވިދާޅުވީ އިންޑިޔާއިން ގަވާއިދަށް ގެނައި ބަދަލާއި އެކު އެ މައްސަލައިގައި ފޮރިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މައްސަލައަކީ އަވަހަށް ހައްލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެ މައްސަލަ ހައްލުކުރެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ބޯޓުތަކަށް ދޭ ކްލެސިފިކޭޝަން އެ ކޮޅުން ގަބޫލުކޮށްގެން، އެއީ ހައްލަކީ،" މިނިސްޓާ ވިދާޅުވި އެވެ.
ރޯދަ މަހަކީ އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ގިނަ ބާވަތްތަކުގެ ޑިމާންޑް ބޮޑުވެ އެ ތަކެޓތީގެ އަގުތައް މައްޗަށްދާ ދުވަސްވަރެކެވެ.