26 Jul 2012, 15:15
ދަރުބާރުގެ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގައި ހުރި މުދަލާއި ތަކެތި ހުސްކުރަން ހައުސިން މިނިސްޓްރީން ދީފައިވާ ހަތް ދުވަހުގެ ނޯޓިސް އަންނަ އާދިއްތަ ދުވަހަށް ހަމަވި ނަމަވެސް އުސްފަސްގަނޑާ މެދު ގޮތެއް ނިންމާނީ އުސްފަސްގަނޑުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާގޮތެއްގެ މަތިން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ އުސްފަސްގަނޑު ގެ މައްސަލާގައި ދައުލަތުން މިހާރު ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުގެ މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި ކޯޓުން ވަކި ގޮތެއް ނިންމަންދެން އުސްފަސްގަނޑާއި ދޭތެރޭގައި އަމަލުކުރާނެ ވަކިގޮތެއް ކަނޑަނަޅާ މަޑުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިމަޑުކޮށްލަނީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާތީ މި ނިމިދިޔަ ހަފުތާގެ ތެރޭގައި އެ މައްސަލަވަނީ ހުށައަޅާފައި. އެކަމަށް [ސުޕްރީމް ކޯޓުން] ގޮތެއް ކަނޑައެޅީމަ އަޅުގަނޑުމެން ކުރިއަށް ގެންދާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
މިދޔަ މޭމަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން އުސް ފަސްގަނޑު ރޫޅާލުމަށް މަސައްކަތް ކުރަނިކޮށް އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުް ކުރި އަމުރަށް ފުލުހުންވަނީ އެތަން ރޫޅާލުން ހުއްޓާލާފައެވެ. އެއަމުރު ދައުލަތުް އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ. ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ ހައިކޯޓުގެ އެ އަމުރު އިލްތިމާސް ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނީ އުސް ފަސްގަނޑު ތަރައްގީ ކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އެއްވެސް އަމިއްލަ ފަރާތެއްގެ މުދާ ހުރި ނަމަ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެތަކެތި އެތަނުން ނެގުމަށް އަންގާކަމަށްވެސް އިއުލާނުގައިވެ އެވެ.
ދަރުބާރުގެ ފުރަގަހުން އޮންނަ އުސް ފަސްގަނޑު އެމްޑީޕީއަށް ދީފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކެބިނެޓުން މިހާރު ނިންމާފައިވަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތައް ރަނގަޅު ގޮތުގައި ބޭނުން ކުރަމުން ނުދާތީ އެތަންތަން އަބުރާ ސަރުކާރަށް ނެގުމަށެވެ. އެގޮތަށް ނިންމާފައިވާއިރު މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އުސްފަސްގަނޑު އެމްޑީޕީގެ އަތުން އަތުލުމަށް ފުލުހުން މެދުވެރިކޮށްވެސް ހައުސިން މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ މައްސައްކަތް މިހާތަނަށް ކާމިޔާބުނެވަފައެއްނުވެ އެވެ.
އުސްފަސްގަނޑު އެމްޑީޕީން ބޭނުން ކުރަމުން އަންނަތާ މިހާރު ވަނީ ތިން މަހާއި ގާތްވެފަ އެވެ. އެމްޑީޕީން އެ ސަރަހައްދުގައި ގޮނޑިއަޅައިގެން ތިބެ ސިޔާސީ ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.