14:53


ކުށް ކުރާ މީހުންގެ ފަހަތުގައި ތިބެ އެމީހުންނަށް ހިތްވަރުދީ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކު މި ކުޑަކުޑަ މުޖުތަމަޢުގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށާއި އެންމެންގެ ވާޖިބަކަށް މިއަދު ވެފައި ވަނީ ޤައުމު ރޫޅާލަން މަސައްކަތްކުރާ އަނދިރި ބާރުތައް މުލުން ލުހެލާ އަދުލް އިންސާފްގެ ކުރިމައްޗަށް ގެނައުން ކަމުގައި ހޯމް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.


ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުން ތަމްރީން ކުރުމުގެ 19 ވަނަ ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ވަޒީފާއާ އަލަށް ހަވާލުވި ފުލުހުންނާ މުހާތަބްކޮށް ވާހަކަ ދައްކަވަމުންނެވެ.


ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި މިއަދުގެ ރާއްޖެއަކީ އިއްޔެގެ ދިވެހިރާއްޖެއާ ވަރަށް ތަފާތު ތަނެއް ކަމަށާއި މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައިކަން ފާހަކަކުރެއްވި އެވެ. އަދި ކުދި ކުށްތަކާއި ބޮޑެތިވެގެންވާ ކުށްތައްވަނީ ހައިރާންވެ ހިތާމަކުރަންޖެހޭ މިންވަރަށް ޢާއްމުވެފައި ކަމަށާއި މުޖުތަމަޢުއެއްގައި އޮންނަންޖެހޭނެ ހަމަތަކާއި އެކުވެރިކަންވަނީ ގެއްލިގެން ގޮސްފައި ނުވަތަ ގެއްލުވާލާފައި ކަމުގައި ޝިހާބް ވިދާޅުވި އެވެ.


ރައްޔިތުންގެ ހައްޤުތަކަށާއި ޤައުމުގެ މަންފާއަށް ބެލުމެއްނެތި އަމިއްލަ މަސްލަހަތަށްޓަކައި ރައްޔިތުންގެ ހައްޤުތައް ޤުރުބާންކުރަން ތައްޔާރަށް ތިބި ބަޔަކު މިމުޖުތަމުގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށާއި ރައްޔިތުންގެ ފައިސާ އާއި މުދަލުން ވައްކަން ކުރަމުން އައި ދޮރުތައް ބަންދުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން ޤައުމުގައި ފިތުނަ ފަސާދަ އުފައްދާ ޤައުމު ރޫޅާލާން މަސައްކަތް ކުރާ އަނދިރި ބާރުތަކެއް އުފެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ހޯމް މިނިސްޓަރު ވިދާޅުވީ ޤައުމު ރޫޅާލަން މަސައްކަތް ކުރާ މީހުންނަށް ލޯމަރާލާގެން ތިބެގެންނުވާނެ ކަމަށާއި ހުދު ފޮށަލުގައި ތިބެ މެދުވެރިން ބޭނުންކޮށްގެން ހިންގާ ޖަރީމާތަކަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުތަކަށް އަރައިގަނެ މުޖުތަމަޢުގެ އަމަން އަމާންކަން ނަގާލާ ޤާނޫނީ އިމުގެ ބޭރުން ހަރަކާތްރިވާ ފަރާތްތަކާ މެދު އެއްވެސް ފަސްޖެހުމެއް ނެތި ޤާނޫނީ ގޮތުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ފުރިހަމަ ބޭނުން ހިފުމަށާއި ވަކި މީހަކަށް ވަކި މޫނަކަށް ބެއްލެވުމެއްނެތި ފުލުހުންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ފަސްޖެހުމެއް ނެތި ކުރިއަށް ދިއުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.