26 Jul 2012, 14:26
ޓެލްއަވީވް (ޖުލައި 26): އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ޢަސްކަރީ ގޮތުން އީރާނާ ދިމާކުރަންޖެހިދާނެ ކަމަށް ބުނެ އިސްރާއީލުން އަނެއްކާވެސް އީރާނަށް އިންޒާރު ދީފިއެވެ.
އީރާނަށް ހަނގުރާމައިގެ އިންޒާރު ދެއްވަމުން އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވިދާޅުވީ ނިއުކްލިޔަ އީރާނަކީ އިސްރާއީލުގެ ވުޖޫދަށްއޮތް އާދަޔާ ޚިލާފް ބިރެއްކަމަށާއި އަދި ޢަސްކަރީ ގޮތުން އީރާނާ ކުރިމަތިލުމަކީވެސް ކުޑަކަމެއްނޫން ކަމުގައެވެ. ނަމަވެސް ފުރިހަމަ ނިއުކްލިޔަ ބާރަކަށް އީރާން ވެއްޖެ ހިނދެއްގައި އީރާނާ މުޢާމަލާތްކުރުމަށްވުރެ އީރާނުގެ ނިއުކްލިޔަރ ޤާބިލްކަން އޭގެ ޅަފަތުގައި ދުއްވާލުން ޚަރަދުގެ ގޮތުންނާއި އިސްރާއީލު ރައްޔިތުންގެ ފުރާނަތައް ގެއްލުމުގެ ގޮތުން ކުޑަވާނެ ކަމަށް ބަރާކް ވިދާޅުވިއެވެ.
މިއީ އީރާނަށް ޙަމަލާދޭނެ ކަމަށް ބުނެ އިސްރާއީލު ދެމުންގެންދާ އިންޒާރުތަކުގެ ތެރޭން އިންޒާރެކެވެ. މިފަދަ އިންޒާރުތައް އިސްރާއީލާއި އިސްރާއީލުގެ ޙިމާޔަތުގައިއޮންނަ އެމެރިކާ ދެމުންގެންދާތާ 10 ވަަކަށް އަހަރު ވެފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންވަނީ މިހާތަނަށް ޤައުމަކާދެކޮޅަށް ނާޅާވަރުގެ ހަރުކަށި އަދި ވޭންދެނިވި ފިޔަވަޅުތަކެއް އިޤްތިސާދީ ގޮތުންނާއި އެނޫންދާއިރާތަކުންވެސް އީރާނާ ދެކޮޅަށް އަޅާފައެވެ.
ނަމަވެސް މުޙައްލިލުން ބުނާގޮތުން މިފިޔަވަޅުތަކުގެ އަމާޒަކީ އިސްރާއީލާއި ހުޅަނގުގެ އިސްތިޢްމާރީ މަސްލަޙަތާ އިދިކޮޅު އީރާނުގެ އިސްލާމީ އިންޤިލާބީ ވެރިކަން ވައްޓާލުމެވެ. މިހަރުކަށި ފިޔަވަޅުތަކާގުޅިގެން އީރާނަށް އިޤްތިސާދީ ބޮޑެތި ދަތިތަކެއް ކުރުމަތިވެފައިވީ ނަމަވެސް އީރާނުގެ އިސްލާމީ އިންޤިލާބީ ވެރިކަން ވައްޓާލުމަށްޓަކައި އެޤައުމުގައި ހަމަނުޖެހުންތައް އުފެއްދުމުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތައްވަނީ ފޭލްވެފައެވެ.
އިސްރާއީލުން އިއްޔެ ދިން އިންޒާރަށްފަހު ވެސް އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚަމަނާއި ވަނީ އެޤައުމުގެ ނިއުކްލިޔަ ޕްރޮގްރާމާއި ސައެންސާއި ޓެކްނޮލޮޖީގެ ސްޓްރެޓީޖިކް އެއްވެސް ޕްރޮގްރާމެއް ހުއްޓާނުލާނެ ކަމަށް ވަޢްދުވެ ވަޑައިގެންފައެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިސްރާއީލާއި އެމެރިކާގެ ޢަސްކަރީ ބިރުދެއްކުންތަކާއެކުވެސް އީރާންވަނީ ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީގެ އިތުރުން ހަތިޔާރާއި ހެވީ އިންޑަސްޓްރީ ގެ ސްޓްރެޓީޖިކް އުފެއްދުންތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި ސަރަޙައްދީ ބާރަކަށްވެފައެވެ. -- ނޫސް އެޖެންސީތައް