ފެބުރުއަރީ 7 ގެ ފަހުން ފުލުހުންނާ މަގުމަތީން ފޮށެ ފުރައްސާރަކޮށް ފުލުހުންގެ އާއިލާތަކާ ދިމާކޮށް ހަޑިހުތުރު އެއްޗިހި ގޮވާ ފުލުހުންނަށް ބަހުގެ އިންޒާރުދީ ޢާންމުގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތްކުރާ މިހަކާއެކު ފުލުހުން އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކުރި މި އެއްބަސްވުން ކޮށްފައިވަނީ ރ. އުނގޫފާރު އައިވަރީހައުސް، ޖާވިދު އަބްދުއްރަޙީމް 22، އާއި އުނގޫރާފު ޕޮލިސް ސްޓޭޝަނާއި އަދި އެ ރަށު ކައުންސިލާ ދެމެދު އެވެ.

ފުލުހުން ބުނީ އެ އެއްބަސް ވުމުގެ ދަށުން ޖާވިދު ހަ މަސްވަންދެން ކޮންމެ ހަފުތާއެއްގެ އާދިއްދަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ހެނދުނު 9:00 ގައި ރިޕޯޓްކޮށް ހާޒިރީގައި ސޮއިކުރުމާއި ހަ މަސްދު ވަސް ވަންދެން ދަންވަރު 12:00 ގެ ފަހުން މަޤްބޫލު އުޒުރެއްނެތި ގެއިން ބޭރުގައި ނޫޅުމަށް އެއްބަސް ވެފައިވާ ކަމަށާއި އަދި އެއްބަސްވުން އެކުލަވާލި ދުވަހުން ފެށިގެން ވަކިކަންތައްތަކެއް ނުކުރުމަށް ޖާވީދު އަބްދުއްރަޙީމަސް އަންގާފައިވާކަމަށެވެ.

ޖާވިދު އަބްދުއްރަޙީމް އެއެއްބަސްވުމާއި ޚިލާފު ވެއްޖެނަމަ އޭނާއާއި ދެކޮޅަށް އިޖްތިމާޢީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނެ އެވެ. އަދި ޤާނޫނު ބުނާ ގޮތުން މިފަދަ އެއްބަސްވުމަކާއި ހިލާފު ވެއްޖެނަމަ އެފަރާތެއް 2000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމާއި ނުވަތަ 2000ރ .ވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު ތިން މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.