ނަލަހިޔާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ސިފައިން 2-0 އިން ބަލިކޮށް މާޒިޔާ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ކުޅުން ހުއްޓާލާފައި ތިބި 35 އަހަރުން މަތީގެ ކުޅުންތެރިންގެ މުބާރާތުގައި އިއްޔެ މާޒިޔާ އަށް ލަނޑު ޖަހައިދިނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް އާއި އަބުދުﷲ ހަލީމެވެ.

މި މެޗަށް ނުކުތްއިރު ސިފައިން ވަނީ މުބާރާތް ހުޅުވި ދުވަހު ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށްފަ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ނިއު އާއި އީގަލްސް އެވެ. އީގަލްސް ވަނީ ފުރަތަމަ މެޗުގައި އޭވައިއެލްއާ ބައްދަލުކޮށް 1-0 އިން މޮޅުވެފަ އެވެ. މުބާރާތުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ޗެމްޕިއަން ވެލެންސިއާ އާއި އޭވައިއެލް އެވެ.

ހަތް ޓީމު ކުޅޭ މި މުބާރާތުގެ ސެމީ އަށްދާނީ ލީގު އުސޫލުން ބުރެއް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.