26 Jul 2012, 13:14
ރޯދަމަސް ފެށިގެން މިއަދާ ހަމައަށް ދިޔައިރު މާލޭ މަސް މާރުކޭޓްގައި މަހުގެ އަގު ބޮޑުވެ ހުރީ އަތް ނުފޯރާފަށުގަ އެވެ.
ރޯދަ މަސް ފެށުނު އިރު 10ރ. ވިއްކި ކުދި މުށިމަސް މިއަދު ހުރީ ހަމަ އެހާވަރުގައި ހިފެހެއްޓިފައެވެ. ކަނޑުމަހުގެ އަގުތަކަށް ބަލާއިރު ރޯދަމަސް ފެށިގެން އައިއިރު 100ރ. އާއި 300ރ. ދޭތެރޭ އަގުތަކެއްގައި ހުރި މަސް މިއަދު ހުރީ 250ރ. އާއި 350ރ. އާއި ދޭތެރޭގަ އެވެ. މާރުކެޓްގައި ކަންނެލި ކިލޯއެއް ހުރީ 80ރ. އަށެވެ. ބަރު މަސްބުރި (ކިއުބު ސައިޒަށްވުރެ ބޮޑު) ލިބެން ހުރީ 30ރ. އަށެވެ.
ފަރުމަހުގެ އަގުތަކަށް ބަލާއިރު ބާޒާރުގައި ފަރުމަސް ވަރަށް މަދުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާދައިގެ ރަތް މަހެއް 350ރ. އާއި 250ރ. ދޭތެރޭ އަގުތަކެއްގައި ހުރިއިރު ތޮޅިމަސް އުޅެނީ 60ރ. އާއި 75ރ. ދޭތެރޭ ގައެވެ. ކުދި ފާނަ 40ރ. އާއި 25ރ. އާއި ދޭތެރޭ އަގުތަކުގައި ހުރި އިރު މާލެގެ ބަޒާރުގައި ވަޅޯމަސް ކިލޯއެއް އުޅެނީ 140ރ. އަށެވެ. މާރުކޭޓުގައި މިއަދު ވެސް ގިނައިން ވިއްކަން ހުރީ ފިނިކުރި މަހެވެ.
މަސް ވެރިން ބުނީ މަހުގެ އަގުބޮޑުވީ މިދުވަސްކޮޅު މަސް ވެރިކަން ދަށް ވެގެން ކަމަށާއި މާލެއަށް ބޭނުންވާ ވަރާ ގާތަށް ވެސް މާރުކޭޓަށް މަސް ނުގެންނަ ކަމަށެވެ.