ކުރިން އެނގިފައި އޮންނަނީ ރޯދަ މަހު ކޮންމެވެސް ހާއްސަ ތަނަކުން ހާއްސަ ގޮތަކަށް ރޯދަ ވިއްލުމަކީ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެއް ކަމަށެވެ. ރޯދަ މަހާއެކު ކެފޭ ރެސްޓޯރެންޓްތަކުގެ ރޯދަ މެނޫ ނުކުމެ އެފަދަ ހުރިހާ ތަންތަނެއްގެ ޖާގަ ކުރިޔާލައި މީހުން ހިފާ ކަމެވެ. ރޯދަ ވީލުމަށެވެ. ގާޑިއާތަކުގައި ރޯދަ ވީއްލަން ސަފު ހަދާ ކަމެއް އެނގިފައެއް ނޯވެއެވެ. އެހެނެއްވެސް ނުވި އެވެ. މާލެ ވަށައިގެން "އަޅާފައި" އޮންނަ ގާޑިއާތަކުން ވެސް މިހާރު ވަނީ ރޯދަ މެނޫތައް ނެރެފައެވެ. ގާޑިއާތަކުން ރޯދަވިއްލާ މީހުންގެ އަދަދު ގިނަވެ ރޯދަ ކަނޑާ ގަޑީގެ ފޯރިވެސް ވަނީ ހިފާފަ އެވެ.

"އަސްލު ބޭނުންވަނީ ހިތް ފަސޭހަ މަހައުލެއްގައި ރައްޓެހިންނާއެކީ ރޯދަ ވިއްލަން އެހެން ވީމަ ގާޑިއާތަކަށް އަންނަނީ، މިވެސް ހަމަ ވަރަށް ސަޅި ގޮތެއްނު، ކޮންމެހެން ނުޖެހެއްނު ރެސްޓޯރެންޓަށް ދާކަށް،" މާލޭ ޖަލު ކުރިމަތީ ގާޑިއަލުން ރޯދަވިއްލުމަށް ގޮސް ތިބި ފަސް މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

"ދިއްގަރޭ ގާޑިޔާ" ނަމުގައި ހާއްސަ ކަމެއް ހޯދާފައިވާ ގާޑިޔަލުގެ ސޭޓް ބުނީ ކޮންމެ ރޯދަ މަހަކު ވިޔަފާރި ދަށްވެގެދިޔަ ނަމަވެސް ހަވީރު ފިނު ބުރު ޖަހަން ނުކުންނަ މީހުންގެ ތެރެއިން ގިނަ ބަޔަކު ރޯދަ ވީއްލަން އިތުރު ދިމަދިމާއަށް ދިއުމުގެ ބަދަލުގައި ގާޑިއަލަށް މަޑުކުރަ ކަމަށެވެ. އަދި ރޯދަ ވީއްލަން ގިނަ ބަޔަކު ކޮންމެ ދުވަހު ބޮނޑިވުން މިހާރު ބޮޑު ފޯރިއަކަށް ވެފައިވާ ކަމަށެވެ.

"ވަރަށް ވަރަށް ޑިމާންޑް ބޮޑު، ގާތްގަޑަކަށް ކޮންމެ ދުވަހަކު ރޯދަ ވިއްލަން އާދޭ 20 ނުވަތަ 25 މީހުން" ސޭޓް ބުންޏެވެ. އެ ސޭޓް ބުނި ގޮތުގައި ގާޑިޔަލުން ރޯދަ ވީއްލަންދާ ގިނަ މީހުނަކީ އާއިލާއާއެކު އެގަޑީގައި އެކުވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާންދާ މީހުންނެވެ.

އުސްފަސްގަނޑު ކައިރީ "ނުވަ ނަންބަރު ގާޑިޔާ" ގެ ސޭޓް ބުނި ގޮތުގައި ކުނރުބާފަނީގެ ރޯދަ ވީއްލުން ގާޑިޔާގައި ވަރަށް ކާމިޔާބެވެ. ކޮންމެ ދުވަހަކުވެސް ގުރޫޕް ގުރޫޕަށް މީހުން ރޯދަވިއްލަން ދެއެވެ. އަދި ރޯދަ ވިއްލުމަށްޓަކައި ގޭގެއަށް ކުރުނބާ ފަނި ފޮނުވައިވެސް ދެއެވެ.

އެ ގާޑިޔަލަށް ރޯދަވިއްލަން ގޮސް އިން އަންހެން ކުއްޖަކު ބުނީ ރޯދަމަހު ރައްޓިހިންނާއެކު ރޯދަ ވިއްލުމަށް ގާޑިޔާތަކަށްދާ ކަމަށާއި އެތަނުން ތާޒާ ކުރުނބާއިން ރޯދަ ވިއްލަން ވަރަށް ލޯބި ކުރާ ކަމަށެވެ. ގާޑިޔާތަކުން ރޯދަ ވިއްލާއިރު ރައްޓިހިންނާއެކު ސަކަރާތް ޖަހާލާށާއި މަޖާކޮށްލަން ރަނގަޅު ފުރުސަތެއް ތަނަވަސްވާ ކަމަށް ވެސް އެކުއްޖާ ބުންޏެވެ. ބުނެލި އެވެ: "އަސްލު ވަރަށް ސަޅިދޯ ފުރެންޑުންނާއެކު ދިވެހި ކުރުނބާއިން ރޯދަ ވިއްލަން ލިބޭތީ. އަސްލު ބުންނަން ބޭނުންވަނީ މީވަރަށް ސަޅި މާހައުލެކޭ ރޯދަ ވިއްލަން އެހާ 'ނެޗުރަލް' އަނެއްކާ މި ވިއު ވަރަށް ސަޅިއެއްނު!"

ސުނާބީ ބިނާ ކައިރިން "ހަތް ނަމްބަރު ގާޑިޔާ" އަކީ ރޯދަ ވީއްލައިގެން ދުފާލަން "މޮޅުބިލެއް" ފޯރުކޮށްދޭ މާ މަޝްހޫރު ގާޑިޔަލެއް ކަމަށް ވެއެވެ. ރޯދަ ވީލައިގެން ގިނަ ބަޔަކު ބޮނޑިވަނީ ހަތް ނަމްބަރަށެވެ.