ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ޒުވާނާގެ ހާލު އަދިވެސް ވަަރަށް ސީރިއަސްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ފަތިހު 4:21 ހާއިރު، ދަރިވަރުންނަށް ގޮވަމުން ދިޔައިރު 34 އަހަރުގެ ރެކްރޫޓެއް ޚަބަރެއް ނެތި އޮތްކަން ފާހަގަވި ކަމަށެވެ.

އޭނާ 4:27ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން 4:48ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އެ ދުވަހު 13:22ގައި އެއާ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެސްފައެވެ.

ފުލުހުން އެ ދުވަހު ބުނީ އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް ނުވަތަ އެއީ އިތުރު ބައްޔެއް ހުންނަ މީހެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު ފުލުހުން ބުނީ އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ވެސް ލިބިފައިނުވެއެވެ.