ޒުވާން ކަކާގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 20 އަހަރުގެ އޮސްކާ ޗެލްސީ އަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާ މިހާތަނަށް ކުޅެމުން އައި ކުލަބު ބްރެޒިލްގެ އިންޓަނޭސިއޮނަލް އިން އޮސްކާ ވިއްކާލީ 25 މިލިއަން ޕައުންޑަށެވެ.

އޮލިމްޕިކްސްގައި ވާދަ ކުރާ ބްރެޒިލް ޓީމާއެކު މިވަގުތު ހުރި އޮސްކާއަކީ އެންމެ ފަހުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފައިނަލުގައި ޕޯޗުގަލް އަތުން ބްރެޒިލް 3-0 އިން މޮޅުވި މެޗުގައި ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ.

އޮސްކާގެ ކުރިން ޗެލްސީން ވަނީ ފްރާންސްގެ ލިއްލެ އަށް ކުޅޭ ބެލްޖިއަމްގެ އެޑިމް ހަޒާޑާއި އޭނާގެ ކޮއްކޮ ތޯގަން ހަޒާޑްގެ އިތުރުން ބުންޑަސްލީގާގެ ވާޑާ ބްރޭމަން އަށް ކުޅޭ ޖަރުމަނު މާކޯ މާރިން ވެސް ގެންގޮސްފަ އެވެ.