ވޮޝިންޓަން (ޖުލައި 26) : އެމެރިކާގެ ޖާސޫސީ ވުޖޫދެއް ސޫރިޔާގައި ޤާއިމް ކުރުމަށް ސީއައިއޭ މިހާތަނަށް ކުރިމަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް އެމެރިކާގެ ޚާރިިޖިއްޔާއިން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނިގޮތުގައި ލީބިޔާ އާއި މިސްރަށް ރައްޔިތުންގެ އިންޤިލާބުތައް އަންނަމުންދިޔަ ދުވަސްވަރު އެ ދެ ޤައުމުގައި ޖާސޫސީ ވިޔުގަތައް ބިނާ ކުރި ގޮތަށް ސޫރިޔާގައި ޖާސޫސީ ވިޔުގައެއް ބިނާކޮށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާބެހޭ ސިއްރު މަޢްލޫމާތު ހޯދުމުގައި އެމެރިކާގެ ޖާސޫސީ ނިޒާމު ވަނީ ފޭލްވެފައެވެ.

ބައްޝާރުގެ ނިޒާމާބެހޭ ސިއްރު މަޢްލޫމާތު ހޯދަން އެމެރިކާގެ ޖާސޫސީ ނިޒާމުން ކުރަމުން ގެންދާ މަސައްކަތުން މިހާތަނަށް ވެސް ސޫރިޔާގައި ޖާސޫސީ ވިޔުގައެއް ޤާއިމްކުރެވިފައިނުވާ ކަމަށާ އެހެން ކަމުން ބައްޝާރުގެ ވެރިކަމުގެ ރޭވުންތަކުގެ މަޢްލޫމާތު އެމެރިކާއަށް ނޭނގޭ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓް ބުނެއެވެ.
ނޫސް ބުނާގޮތުން ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ކުރަމުންގެންދާ މަސައްކަތް ކާމިޔާބު ނުވުމުގެ އެއްސަބަބަކީ ވެސް ބައްޝާރުގެ ސަރުކާރުގެ ރޭވުންތަކުގެ ޖާސޫސީ މަޢްލޫމާތު އެމެރިކާގެ ޖާސޫސީ ނިޒާމް މެދުވެރިކޮށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ނުލިބުމެވެ.

ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ތެދުވި ދުވަސްވަރު ގައްޒާފީގެ ޕްލޭންތަކާއި ރޭވުންތަކުގެ މަޢްލޫމާތު އެމެރިކާ ގެންދިޔައީ ގައްޒާފީގެ ނިޒާމް ވައްޓާލަން މަސައްކަތްކުރި ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށާއި ލީބިޔާއަށް ބޮން އަޅަމުންދިޔަ ނޭޓޯގެ ބާރުތަކަށް ދެމުންނެވެ.

ސޫރިޔާގައި އެމެރިކާއަށް ކުރިމަތިވެފައިވާ ޖާސޫސީ މި ނާކާމިޔާބާއެކު ވެސް ޖާސޫސުކުރުމަށް ބޭނުންވާ ވަރަށް ސޮފިސްޓިކޭޓެޑް ސާމާނާއި އާލާތްތައް ސީއައިއޭ އިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ފޯރުކޮށްދީފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެ އެވެ.

މިދިޔަ ހަފްތާގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންވަނީ ޓެރަރިސްޓް ޙަމަލާއެއް ދީގެން ސޫރިޔާގެ ޤައުމީ ސަލާމަތާބެހޭ މައިމަރުކަޒު ގޮއްވާލައި ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުގެ އެންމެ އިސް ކޮމާންޑުގެ ހަތަރު މަސްއޫލުވެރިއަކު އަވަހާރަކޮށްލާފަ އެވެ. މި ޓެރަރިސްޓް ޙަމަލާ ދިނުމަށް ބޭނުންވާ ޖާސޫސީ މަޢްލޫމާތު ހޯދާފައިވަނީ އެމެރިކާ ފޯރުކޮށްދީފައިވާ ޖާސޫސީ އާލާތްތަކުގެ އެހީގައިކަމަށްވަނީ ބެލެވިފަ އެވެ. މިއީ ބައްޝާރުގެ ނިޒާމްގެ މައްޗަށް އިދިކޮޅު ހަނގުރާމަވެރިން މިހާތަނަށް ހޯދި އެެންމެ ބޮޑު ކާމިޔާބީ އެވެ. -- ވޮޝިންޓަން ޕޯސްޓް