26 Jul 2012, 12:18
ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އޭއެފްސީގެ ކުރީގެ ރައީސް، މުހައްމަދު ބިން ހަމްމާމް ސަސްޕެންޑްކޮށްފައިވަނިކޮށް ކޯޓް އޮފް އަރބިޓްރޭޝަން ފޯ ސްޕޯޓްސްއިން އެކަން ބާތިލުކޮށްފިއެވެ.
ކުޅިވަރުގައި ދިމާވާ މައްސަލަތަކަށް ފަހުގެ ނިޔާ އިއްވަމުންދާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ބުނެފައިވަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް އޭއެފްސީގެ ހަމްމާމް ސަސްޕެންޑްކޮށްފައިވަނީ އެކަށީގެންވާވަރަށް ހެކި ނެތިކަމަށާއި އެހެންކަމުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކީ ރަގަޅު ނިންމުމެއް ނޫންކަމަށެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ހަމްމާމް ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ ރައީސްކަމުގެ މަޤާމަށް އޭނާ ކުރިމަތިލެއްވުމަށްފަހު އެމަޤާމަށް ކެމްޕޭން ކުރުމުގެ ތެރޭގައި ކެރީބިއަން ގައުމުތަކުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ކޮންމެ މެމްބަރަކަށް ސާޅީސް ހާސް އެމެރިކާ ޑޮލަރު ދިންކަމުގެ ތުހުމަތުގައެވެ. ނަމަވެސް އޭރުވެސް ހަމްމާމްވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. އަދި ފަހުން ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ހަންމާމް ވިދާޅުވެފައިވަނީ ފުޓްބޯޅައިގައި މިހާރު ފެންނަނީ ޒާތީ ގޮތުން ޖައްސާލުންކަމަށާއި އެހެންކަމުން އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށްފަހު ފުޓްބޯޅައާއި ދުރަން ވަޑައިގަންނަވާނެކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ފީފާގެ އިންތިޚާބުގެ ކުރިން ހަންމާމް ސަސްޕެންޑް ކުރުމަށްފަހު ފީފާގެ ރައީސްކަމުގެ މަޤާމް ބްލެޓަރވަނީ އިތުރު ފަރާތަކާއި ވާދަކުރެއްވުމެއް ނެތި ކާމިޔާބުކުރައްވާފައެވެ.