ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހި މީހުންނަށް އަދަބު ނުދެވި ލަސްވެފައިވަނީ ތަހުގީގަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޖަމީލު ވިދާޅުވީ ފެބްރުއަރީ 8، ގެ ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި ނުހިނގާފަދަ ބޮޑު ހާދިސާއަކަށް ވެފައި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހުމުން ތަހުގީގުކުރަން ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއް ނެތިގެން ގޮސްފައިވާތީ އެ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑު ހުރަސް ތަކެއް ކުރިމަތިވި ކަމަށެވެ.

"ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހި މައްސަލަތަކުގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން ތަހުގީގު ފުރިހަމަ ކުރެވުނީ. މިދައްކަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގަ އެެއްފަހަރާ ހިނގި ވަރަށް ބޮޑު ހާދިސާއެއްގެ ވާހަކަ. ރާއްޖޭގެ ތާރީޚުގައި ވެސް ނުހިނގާ ވަރުގެ ހާދިސާއެއް ހާދިސާއަކީ. ހާދިސާ ހިނގި ގޮތަށް ބަލާއިރު ބައެއް ތަންތަނުގަ ތަހުގީގު ކުރާ ވަސީލަތްތައް އެއްކޮށް ނެތިގެން ދިޔައީ. އެތައް ދުވަހެއްގެ މަސައްކަތުން ތަހުގީގު ފުރިހަމަ ވެގެން ދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

ހުޅުޖެހި މައްސަލަތަކުގެ ތެރެއިނަ ވަރަށް ގިނަ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވިފައިވާއިރު އޭގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގެ ޝަރީއަތް ފެށިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވިދާޅުވީ އެ މީހުނަށް އަދަބުދެވޭނީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ނޫންކަމަށާއި އެ މީހުންނަށް ދޭންވާ އަދަބު ކަނޑައަޅާނީ ޝަރީއަތުން ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންނަށް އަދަބު ނުދެވި ލަސްވެގެން ޒިންމާދާރު ފަރާތްތަކާއި ރައްޔިތުންގެ މަޖިލީސް ތެރެއިން ވާހަކަ ދައްކާއިރު އިއުތިރާފުގެ މައްޗަށް ޝަރީއަތް ކުރާ ޒަމާން ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.