ގުޅިފަޅުން އިތުރަށް ބިން ހިއްކަން ނެދަލޭންޑްގެ "ކްއީން އޮފް ދަ ނެދަލޭނޑް" ޖައްރާފު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހައުންސިން މިނިސްޓްރީން ބުނީ ގުޅިފަޅުން އިތުރަށް ހިއްކާ 17 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިޔަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަސައްކަތް ކުރާ ކޮންނަ ބޯޓަކީ ދުނިޔޭގަައިވާ އެންމެ ބޮޑު މިފަދަ ދެވަނަ ބޯޓެެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ގުޅީފަޅުން މިފަހަރު ބިން ހިއްކާ ނިމޭއިރު 20 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބިން ހިއްކުމުން ގުޅިފަޅުގައި އިތުރު ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ.

"މިފަހަރުގެ ޕޮރޮޮޖެކްޓް ނިމުމުން އަދިވެސް އިތުރު ޕްރޮޖެކެޓެއް ފެށިގެންދާނެ. އަޅުގަނޑު އުއްމީދު ކުރަނީ ގުޅިފަޅުގެ މަޝްރޫއުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބިގެން ދިއުން،" މުއިއްޒު ވިދާޅުވިއެވެ.

ގުޅީފަޅުން މީގެ ކުރިން ހިއްކި 11 ހެކްޓަރުގެ ބިން ސަރުކާރުންވަނީ މިދިޔަ އާދީއްތަ ދުވަހު ގުޅިފަޅު ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. މިފަހަރު އެރަށުގެ ބިމަށް އިތުރުކުރެވޭ 17 ހެކްޓަރުގެ ސަބަބުން 28 ހެކްޓަރުގެ ބޮޑު ރަށަކަށް ވެގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭގެ ބައެއްގެ ގޮތުގައި ގުޅިފަޅު ހަދަން މަސައްކަތް ކުރިނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އެކަން އެގޮތަށް ނުކުރެވޭތީ ގުޅިފަޅު ވަކި ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަން ކުރަންޖެހޭ ގާނޫނީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ގުޅިފަޅަކީ ވަކި ރަށެއްގެ ގޮތުގައި ހަމަޖައްސާއިރު އެ ރަށުގައި ގާއިމް ކުރާނީ ވަކި ކައުންސިލެއްތޯ އާއި އެ ރަށަށް ކިޔާނެ ނަން ސަރުކާރުން ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ގުޅީފަޅު ހިއްކައި ތަރައްގީ ކުރުމަށް ސަރުކާރުގެ 100 ޕަސަންޓު ކުންފުނި ގުޅީފަޅު އިންޑަސްޓްރީއަލް ޒޯން ލިމިޓެޑުން އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް 35 އަހަރަށް ކުއްޔަށްދީ މަސައްކަތް ފަށާފައިވަނީ 2010 ވަނައަހަރުގެ ތެރޭގަ އެވެ.