ހއ. ހޯރަފުށީ، ނޫރީގޭ، މުހައްމަދު އަރުހަމަށް ވަޅިން ހަމަލާދީ ކުއްލިއްޔާގެ އިރަށް އޮންނަ ލޮންޒެރޯ ޕާކްތެރޭގައި މަރާލި މަންޒަރު ދުށް ބައެއް މީހުން އެބަތިބި ކަމަށާއި ނަމަވެސް އެމީހުން ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ ރިޔާޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަރުހަމަށް ވަޅިން ހަމަލާދީ އޭނާ މަރާލި އިރު އެތަން ދުށް ބަޔަކު ތިބި ނަމަވެސް ހެކިބަސް ދިނުމަށް އެމީހުން ޖެހިލުންވާތީ ތަހުގީގަށް އެމީހުންގެ މައުލޫމާތު ހޯދިފައި ނުވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ހެކިބަސް ދިނުމަށް މީހުން ދޮކޮޅު ހަދަނީ ހެކީންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނެއް ނެތުމުން ކަމަށެވެ.

"އެ މައްސަލައިގެ ތަހުގީގު ވަރަށް ބޮޑު ބައެއް ނިމިފައި ވަނީ. ތަހުގީގަށް މުހިންމު ކަންކަމެއް ފުރިހަމަ ނުކުރެވިގެން އަދި މިއުޅެނީ. ޚާއްސަކޮށް އަޅުގަނޑުމެންނަށް އެބައެނގޭ ހާދިސާ ހިނގައިދިޔަ މަންޒަރު ދުށް ބައެއް މީހުން އެބަތިބިކަން. އެހެންނަމަވެސް ގާނޫނީ ނިޒާމްގަ ވިޓްނަސް ޕްރޮޓެކްޝަނެއް ނެތުމާއި މިކަންކަމާ ހެދި ބައެއް މީހުން ޖެހިލުންވޭ މައުލޫމާތު ދޭން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ އެ މައްސަލައަކީ ވެސް ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ މައްސަލައަކަށް ހެދުމަށްކަމަށާއި އެހެންކަމުން އަދި އެ މައްސަލަ ނުފޮނުވި ލަސްވަނީ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެިކުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް މަރާލާފައި ވަނީ އޭނާގެ ގައިގައި ތަޅައި މާރާމާރީ ހިންގާ އެކިވަރުގެ އަނިޔާތަށް ދިނުމަށްފަހު ގައިގެ އެތަން މިތަނަށް ވަޅި ހެރުމަށް ފަހު އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.