ރާއްޖެ އަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަމާ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ފާޑުކިޔެވެ. ޖުލައި27، 1965 ގެ "ދި ގާޑިއަން އެންޑް ދި އޮބްޒާވަރު" ނޫސް ބުނާ ގޮތުން އެއްބަސްވުމުގެ ނަތީޖާ އަކީ ސުއޭސް ކެނެލްގެ އިރުމަތީގައިވާ އިނގިރޭސިންގެ ދިފާއީ ބާރު ނިކަމެތިވެގެން ދިއުމެވެ. ނަމަވެސް މި އެއްބަސްވުމުން އިނގިރޭސިންނަށް ލިބުނު ޔަގީންކަމަކީ 1984 އާ ހަމައަށް އައްޑު އަތޮޅުގައި ތިބުމުގެ މިނިވަންކަމާއި އަދި ބޭރު ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިތުބާރެވެ.

ދުނިޔޭގެ މަސްރަހުގެ ތެރެއަށް ސުއޭސް ކެނެލްގެ މައްސަލަހަތުގެ މައްސަލަ ކުރިމަތިވުމާއެކު އިނގިރޭސިންނާއި ފަރަންސޭސިން އެކައްޗެއް ކިޔައި އިޒްރޭލާ ގުޅިގެން މިސުރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅި އެވެ. އޮކްޓޯބަރ 17، 1959 ގެ "ނިއު ޔޯކް ޓައިމްސް" ނޫހުގައި ލިއެފައިވާ ގޮތުގައި ދިވެހި ސަރުކާރުން، އިނގިރޭސިވިލާތާމެދު ދެކޭ ގޮތް ބަދަލުވީ ސުއޭސް ކެނެލްގެ ހާދިސާ އަށް ފަހުގަ އެވެ.

ނިއުޔޯކް ޓައިމްސް، (17 އޮކްޓޫބަރު 1959): "ދިވެހިންނަކީ މުސްލިމުންނަށް ވެފައި އަދި ވަރަށް ގިނަ ޒުވާނުންނަކީ މިސުރުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށްވުމާ އެކު ސުއޭސް ކެނަލްގެ ހާދިސާއާ ގުޅިގެން "ރުޅިވެރިކަމެއް" އުފެދުމަކީ މިއީ އެކަށީގެންވާ ކަމެކެވެ. އަދިވެސް މި ނޫހުގައި ލިޔެފައިވެއެވެ: ވިޔަފާރީގެ ގޮތުން ރާއްޖެ އެންމެ ބޮޑަށް ގުޅިފައިވަނީ ސްރީ ލަންކާއާ ކަމުގައި ވީ ނަމަވެސް، ސިޔާސީ ގޮތުން އެންމެ ތިމާގެއީ މެދުއިރުމަތީގެ ގައުމުތަކާ އެވެ. ރާއްޖޭގެ ސަރުކާރާއި އިނގިރޭސިވިލާތާ ދެމެދު 1953 ގައި ކޮށްފައިވާ އެއްބަސްވުން އިސްލާހުކުރުމަށް ރާއްޖެ އިން މަސައްކަތް ކުރަން ފެށީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހު އެވެ."

އިނގިރޭސިންނަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމާއި އަދި ރާއްޖޭގެ ދިފާއީ އަދި ހާރިޖީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު 1956 ގެ އެއްބަސްވުމުން ލިބިދީފައިވެ އެވެ. އެންމެ ފަހުން 1956 ގެ ނުރަސްމީ އެއްބަސްވުމާ ދެކޮޅަށް އާންމުންނާއި ސަރުކާރުގެ އިސް ބޭފުޅުން ނުރުހުން ފާޅުކުރަން ފެށުމުގެ ނަތީޖާ އަކީ ޑިސެމްބަރ 1957 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޑަންކަން ސޭންޑީސްއާ ބޮޑު ވަޒީރު އިބްރާހިމް ނާސިރާ ދެމެދު ބޭއްވުނު މަޝްވަރާތަކުގައި ނާސިރު އަބަދުވސް ބާރު އެޅުއްވި އެއް ނުކުތާއަކީ 1960 ގެ އެގްރިމެންޓް "އިސްލާހު ކުރަން އަޅުގަނޑު ބޭނުންވެއޭ!" އެވެ.

ލަންޑަން، (ރޮއިޓާސް): "ކޮމަންވެލްތު ސެކްރެޓަރީ ޑަންކަން ސެންޑީސް ޖޫން ،23 1964 ގައި ވިދާޅުވަނީ ދިވެހިރާއްޖެ އަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދު ލަންޑަނުގައި މަޝްވަރާތައް ކުރެވެމުން އެބަދެ އެވެ. ލަންޑަނުގައި ހުންނަވައިގެން ޑަންކަން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަހު މާލޭގައި ބޮޑުވަޒީރު އިބްރާހިމް ނާސިރާ އެކު ބޭއްވި ބައްދަލުވުމުގައި 1960 ގެ އެގްރީމެންޓް އިސްލާހުކޮށް ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމަށް ނާސިރު އެދިވަޑައިގެންނެވި ކަމަށެވެ" -- މި މަޝްވަރާތަކަކީ އެކި ފަހަރުމަތިން އެމި މަރުހުލާގައި މާލޭގަ އާއި ސްރީލަންކާގަ އާއި އިނގިރޭސީ ވިލާތުގައި ދެކެވުނު ވާހަކަތަކެވެ. ހަވާސާގައި ވިޔަސް އަދި ކޮލޮމްބޯ ޕްލޭންގެ ތެރެއިން ލައިގެން ކަމަށް ވިޔަސް ނުވަތަ މާލޭގައި ވެލާނާގޭގައި ކަމަށް ވިޔަސްވ ކުރެވުނުމަޝްވަރާތަކުގައި މިދެންނެވި ހަމަތަކަށް އިނގިރޭސި ސަރުކާރު އެއްބަސްވާނެ ކަމަށް ހުށަހަޅަމުން ދިޔައި މައިގަނޑު ޝަރުތުތަކަކީ އައްޑު އަތޮޅުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ހައްގު އިނގިރޭސީންނަށް ލިބިފައި އޮތުމާއި އެހެން އެއްވެސް ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދިނުމެވެ. --

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދުވި އެއްބަސްވުމެއްގެ ދަށުން، އިނގިރޭސިންގެ ހިމާޔަތަށް ރާއްޖެ ވަނީ އެއް ނޫނެވެ. އިނގިރޭސީންގެ "އުނގަށް" ރާއްޖެ ކޮއްޕާ ވައްޓައިލީ އެވެ. އެއާއެކު ރާއްޖޭގެ ހާރިޖީ ހުރިހާ ކަމެއްގެ ޒިންމާ ނެގީ އިނގިރޭސިންނެވެ. އޭގެ ފަހުން އިނގިރޭސިން އެކި ސިފަސިފާގައި ރާއްޖޭގެ މައްޗަށް ބާރު ފޯރުވާފައިވެ އެވެ. (މިހާރުގެ މީހުންނަށް ސާފުވާނެ ގޮތަކަށް އެ ވާހަކަ ފަހުން ލިޔާނީ އެވެ.)

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރި އެވެ. އެއީ އެންމެ މަރުކަޒެއް ނޫނެވެ. އައްޑު އަތޮޅުގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބިދިނީ 1953 ގައި ވެވުނު އެއްބަސްވުމުގަ އެވެ. އަދި 1950 ގެ ފަހުކޮޅު އައްޑު އަތޮޅުގައި ރޯޔަލް އެއާފޯސްގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެއީ 1956 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއެކު ކޮޅުނބުގައި ވި މޫނު މައްޗަށް ނުރަސްމީ، އެކަމަކު އަޑިއަށް ރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ. -- ބައެއް ލިޔުންތަކުގައި އައްޑޫގައި ގާއިމު ކުރި އަސްކަރީ މަރުކަޒާއި ރޯޔަލް އެއާފޯސްގެ ކޭމްޕާއި ތާރީހުތައް ހިސާބަކަށް އޮޅިފައި ހުރެ އެވެ. --

ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ގުޅުން އެހެން ގައުމުތަކާއެކު އަމިއްލައަށް ގާއިމްކޮށް ދެމެހެއްޓުމުގެ މިނިވަންކަން ހޯއްދާށެވެ. އެންމެ ފުރަތަމަ މަރުހަލާގައި ވެސް އެކަމުގައި އެމަނިކުފާނަށް ދައްޗާ ކުރިމަތިވިވަޑައިގަތެވެ. ނަތީޖާއަކަށްވީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރުންގެ ފެންވަރުގައި އެތަކެއް ބައްދަލުވުމެއް ލަންޑަނުގައި ބާންއްވަން ޖެހުމެވެ.

އެޕްރީލް 1، 1958، (ކޮލަމްބޯ): ސިލޯންގެ ކޮޅުނބުގައި ބޭއްވި ހާއްސަ ނިއުސް ކޮންފަރެންސެއްގައި ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އިންޑިއާ އަދި ސިލޯނު ސަރުކާރަށް އަޑުހަރުކޮށް ގޮވާލެއްވީ މި ސަރަހައްދުގައި "ގޮވާން" ކުރަމުންދާ އިނގިރޭސިންގެ އަސްކަރީ މަޝްރޫއާ ދެކޮޅު ހެދުމަށެވެ. ފާޅުގައި އަޑު ހަރުކުރުމަށެވެ. އެހިސާބަށް ދިޔައީ ލަންޑަނުގައި ރާއްޖޭގެ އޮފިޝަލުންނާއި އިނގިގޭރި އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުންތަކުން ނުކުންނަމުން ދިޔަ "އޮއްޓަރެއް ނެތް" ނަތީޖާ އާއި އަދި އިނގިރޭސީންގެ އަމަލުތައް ބައްޓަންވަމުން ދިޔަ ގޮތުންނެވެ. މިދެންނެވި ވައި ބަދަލުވުމަކީ އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފެށި ހިސާބެވެ. އޭގެ ފުރަތަމަ ހަރަކާތަކީ ޝިހާބުގެ އިންޓަވިއު އެވެ.

އިނގިރޭސިންނާ އޮތް ގުޅުން ހީނަރުވެ އަދި ދެކުނުގެ ތިން އަތޮޅުގައި ސިޔާސީ ހަމަނުޖެހުން އުފެދުނު ދުވަސްވަރު، ބޮޑުވަޒީރު ނާސިރު އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ސަޕޯޓް ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ. މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލުކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވި އެވެ. އަދި އެހެން ވަފުދުތައް ޕާކިސްތާނާއި އިންޑިއާ އަށް ވެސް ފޮނުއްވާފައިވެ އެވެ.

އިނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު ކުންޏަށް ވުރެ ބޮޑަށް މައްސަލަތައް އުފެދި އެންމެ ފަހުން ދެކުނުގެ ތިން އަތޮޅުން ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުންވީ ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާމެދު ފުންކޮށް ވިސްނަން ފެށި ސަބަބަށެވެ. އައްޑޫ މައްސަލާގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވެމުން އައި ވާހަކައިގެ އެޖެންޑާގެ ތެރެއަށް މިނިވަންކަން ހޯދުމުގެ ނުކުތާ ވެސް އިތުރުވެގެން ދިޔަ އެވެ.

ދެކުނުގެ ފުރަތަމަ ބަޣާވާތް ފެށީ ޖެނުއަރީ1، 1959 ގަ އެވެ. އަދި މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ. އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ދެކުނުގެ ބަޣާވާތުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނާސިރުގެ މޭސްތިރިކަމުގެ ދަށުގައި ހުވަދު އަތޮޅާއި ފުވައްމުލަކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނަން އަސްކަރީ ބާރު ބޭނުންކުރުންވީ އިނގިރޭސިން އެކަމާ މެދު ނުރުހުން ފާޅުކޮށް ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަކަށެވެ. ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން ސިފައިންނާއެކު ނާސިރު "މޯލްޑިވް ސްޓާރު" ގައި ޖުލައި 1959 ގައި ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގައި ބަޑިޖެހުމުގެ ސަބަބަބުން މީހުން މަރުވުމާ ގުޅިގެން އިނގިރޭސިވިލާތުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ދިވެހި ސަރުކާރަށް އިންޒާރު ދިނެވެ.

ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން 7 އޯގަސްޓް 1959 ގައި ނެރުނު ބަޔާނެއްގައިވެ އެވެ:

"ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭ އޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ." – މިބަޔާން ދި އައިލެންޑް ނޫހުގެ އާއިކައިވްން އިން މިހާރު ވެސް ފެންނާނެ --

ހުވަދޫ ހާދިސާ އަށް ފަހު ތަފާތު ބަހުރުވައިން ދިވެހި ސަރުކާރަށް އިންޒާރު ދިނުމުގެ އިތުރަށް ސިންގަޕޫރުން އިނގިރޭސި ސިފައިން ހަތިޔާރާއެކު ގަމަށް ގެންދިޔަ އެވެ. އެއީ، ހުވަދު އަތޮޅާއި ފުވައްމުލައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ގެންދިޔަ 100 ސިފައިން އަނބުރާ ގެންދިޔައީ 17 އޯގަސްޓް ގަ އެވެ. އެއީ މިކަމާ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާ ނުރުހުން ފާޅުކުރުމުންނެވެ.

ރޮއިޓާސް: އަސްކަރީ ހަރަކާތް ފެށުމުން މާލެ ވަނީ ވަރަށް ބޮޑަށް ނުތަވަސްވެފައެވެ. އެހެން ނަމަވެސް އިނގިރޭސި ސިފައިންނާ ހަވާލާދީ ރޮއިޓާސް ޔަގީންވާ ގޮތުގައި މިއީ "ވައިގެ ހަރަކާތްތެރިކަން ވަޒަންކުރުމުގެ ގޮތުން ހިންގި ތަމްރީނެ" ކެވެ.

ފެބްރުއަރީ 1959، (ކޮލަމްބޯ): ކޮލޮމްބޯގައި ހުންނަ އިނިގިރޭސި ހައިކޮމިޝަނުން ކުރު ބަޔާނެއް ނެރުނެވެ. އޭގައި ބުނެފައިވެއެވެ. "... [ބަޔާނުން ބައެއް އުނިކޮށްލެވިފައި] ދިވެހި ސަރުކާރުން ފާހަގަކުރާ އެއް ނުކުތާއަކީ 1887 ގެ އެއްބަސްވުމަށް ފަހު ތަފާތު އެތަކެއް އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ނަމަވެސް، ރާއްޖޭގެ މިނިިވަން ކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ ދެމިގެން ގޮސްފައިވާ ކަމަށެވެ. މިކަން އިނގިރޭސި ސަރުކާރުން ގަބޫލު ކުރުމަށެވެ. މީގެ ޖަވާބަކަށް ހައިކޮމިޝަނުން އިންތިޒާރު ކުރަމުންދާ އެބަގެންދަމެވެ،"

ކޮލޮމްބޯގައިޮ ހުންނަވާ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ވެސް ބަޔާނެއް ނެރުއްވި އެވެ. (ބަޔާން ނެރުނީ 9 ފެބްރުއަރީގައި):
"ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ވަނީ ރާއްޖެ އަށް މިނިވަންކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް ހުށަހަޅައިފަ އެވެ،"

މި ބަޔާނާ ގުޅިގެން އިނގިރޭސި ހައިކޮމިޝަނަރު އޭއެފް މޯލީ ވަނީ ވަގުތުން ރައްދު ބަޔާނެއް ނެރުއްވާފަ އެވެ. މިހާރު ކިޔާ ގޮތަށް "އެންމެ ހަރުކަށި އިބާތުން ކުށްވެރި" ކުރުމުގެ ބަދަލުގައި ދޭދޭ ގައުމުގެ ތަކުގެ ޑިޕްލޮމަސީ ހިފެހެއްޓޭ ގޮތަށެވެ.

މޯލީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ 1953 ގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެ އަށް ރަސްމީކޮށް މިނިވަންކަން ދިނުމުގެ ގަރާރެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ އިނގިރޭސި ސަރުކާރަށް ވަރަށް ދަތިކަމަކަށް ވާނެ ކަމަށެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ އަކީ މިނިވަން ގައުމެއް ކަމުގައި އިއުލާން ކުރުމަށް އިނިގރޭސިންނަށް ދަތިވަނީ އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތި ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައި ވާތީ އެވެ.

ރާއްޖެ އިން މިނިވަންކަމަށް އެދެމުންދާތީ އިނގިރޭސި ޚާރިޖީ އޮފީހުގެ ލަފައަކަށް ވެސް ވަނީ އެދިފަ އެވެ. މިގޮތުން، ބްރިޓިޝް ކޮލޯނިއަލް ސެކްރެޓަރީ ޑަންކަން ސެންޑީސް އަށް ބޮޑުވަޒީރު ނާސިރު ސެޕްޓެމްބަރު 28، 1963 ގައި ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ވަރަށް އަވަހަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށް ވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ދިވެހި ސަރުކާރުން މިނިވަން ކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސިވިލާތުން ގަބޫލުކުރުމަށް ގޮވާލަމެވެ،" ޑަންކަން ސެންޑީސް އަށް ނާސިރު ފޮނުވެއްވި ނޯޓްގައި ވެއެވެ.