ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިހުރި މައްސަލަތަކެއް ބަލަން އެ އަތޮޅު ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް ސުޖާއު އުސްމާން އިއްޔެ އެ ކޯޓަށް ވަޑައިގަތުމުން އެރަށު ބަޔަކު ކޯޓު ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

ވިލިނގިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޓުގެ މެޖިސްޓްރޭޓް ސުޖާއު އުސްމާން އިއްޔެ ދެއްވަދޫ ކޯޓަށް ވަޑައިގަތުމުން އެރަށު ބަޔަކު ކޯޓުތެރެއަށް ވަދެ، އެމީހުން ބޭނުންވާ ކަންކަން ނުނިމޭނަމަ މެޖިސްޓްރޭޓަށް އެރަށުން ނުދެވޭނެ ކަމަށް ބުނެ އަޑު ގަދަކޮށް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އެރަށުގެ ބަޔަކު ކޯޓުތެރެއަށް ވަދެ ސިދާ މެޖިސްޓްރޭޓަށް ރަށްދުވާ ގޮތަށް ވަރަށް ހަޑިހުތުރު ބަހުން ވާހަކަދައްކާ ހަދާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފަސް މީހަކު އިއްޔެ ހައްޔަރުކޮށް މީހާރު ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ވިލިނގިލީ ކޯޓުން ބުނީ ބަޔަކު ހަމަނުޖެހުން ހިންގުމުން މެޖިސްޓްރޭޓް އެނބުރި އެރަށުން ވަޑައިގެންފައިވާ ކަމަށާއި މެޖިސްޓްރޭޓް ފުރަން ވަޑައިގެންނެވި އިރު ވެސް "މީގެ ފަހުން ރަށަށް އަރައިފިއްޔާ ކުޅި ދައްކާލާނެ" ކަމަށް ބުނެ އެރަށު ބަޔަކު މެޖިސްޓްރޭޓަށް އިންޒާރު ދިން ކަމަށެވެ.