ހައުސިން މިނިސްޓްރީން މާލޭގައި ހުރި ބައެއް ބިންބިމުގައި ކެފޭ އާއި ރެސްޓޯރެންޓް ފަދަ ތަންތަން ހަދަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ތަންތަނުގައި ކުރަމުންދާ އެފަދަ އިމާރާތްތަކުގެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށް މާލޭގެ ދެ ސަރަހައްދެއްގައި ދެ ޕާކެއްތަރައްގީކޮށް އިމާރާތްތަކެއް ކުރުމަށްފަހު ހުޅުވާ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިރޭ ހުޅުވަން ހަމަޖެހިފައިވާ ޕާކަކީ މަޖީދީމަގާއި އަޅިވިލާމަގު ޖަންކްޝަން ކައިރީގައިވާ ހުސްބިމުގައި ހުޅުވާ "ކޭޕަސް ޕާކު" އާއި މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުވާނީ އަލިކިލޭގެ ފާނުމަގުގައި ބާއިންޖީނުގޭ ހުސްބިމުގައި "ސިޓީ ޕާކު" ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ހިމެނޭ ސަރަހައްދުގެ ބިން ބޭނުންކުރާނެ ގޮތް ނުވަތަ ލޭންޑު ޔޫސް ޕްލޭން ހެދުމަކީ މާލޭ ސިޓީކައުންސިލުން ކަމެއްކަން ގާނޫނުގައި ސާފުކޮށް ބަޔާން ވެގެން އޮތްކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން އައުމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ އަމަލުތަށް ހުރީ ސިޓީ ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުތަކާ ތައާރަޒުވާގޮތަކަށް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ހައުސިން މިނިސްޓުރީން ބުނީ މާލޭ ސިޓީ ކައުންސިލުން ކުރިން އެފަދަ ތަންތަން ބައެއް ފަރާތްތަކަށް ކުއްޔަށް ދީފައިވިޔަސް އެތަންތަނުގައި މަސައްކަތްތައް ނުކުރަން އަންގާފައިވާނެ ކަމަށާއި އެ އެންގުމަށް ކިޔަމަން ނުވެ އިމާރާތްކޮށް ތަރައްގީކުރާ އެއްވެސް ތަނަކަށް ސަރުކާރުން ބަދަލު ނުދޭނެ ކަމަށެވެ.

މާލޭގެ ބިންތައް ބޭނުންކުރުމުގެ ހައްގު ލިބެނީ ސިޓީ ކައުންސިލަށް ކަމަށް އެކައުންސިލުން ބުނާއިރު ހައުސިން މިނިސްޓްރީން ބުނަނީ ކައުންސިލުން ބިން ބޭނުން ކުރަމުން ގެންދަނީ އެގްރިމޭންޓްތަކައި ހިލާފަށް ކަމަށެވެ. އަދި އުސްފަސްގަނޑު އެމްޑީޕީއާއި ސިޓި ކައުންސިލުން ދީފައިވާ މައްސަލައާއި ގުޅިގެން އެތަން ހުސްކުރަން ހައުސިން މިނިސްޓުރީން ވަނީ ސިޓީ ކައުންސިލަށް އެތަށްފަހަރެއްގެ މަތިން އަންގާފައެވެ. އަދި މިހާރު ވަނީ އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑުގައި ހުރި މުދަލާއި ތަކެތި ހުސްކުރަން ހަތް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ދީފި އެވެ.