26 Jul 2012, 10:04
ގއ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމަށް އިންޒާރު ދިނުމަށްފަހު އޭނާއަށް ހަމަލާދޭން މީހަކު މަސައްކަތް ކޮށްފި އެވެ.
ދާންދޫ ކޯޓުން ބުނީ އިއްޔެ އަސުރު ނަމާދުން ކުރައްވައިގެން މެޖިސްޓްރޭޓް ވަޑައިގަންނަވަނިކޮށް އެރަށު މީހަކު ގޮސް "ވިސްނައިގެން އުޅެއްޗޭ، ނަތީޖާ މާ ރަގަޅެއް ނުވާނެ!" ކަމަށް ބުނެ އިންޒާރު ދިންކަމަށެވެ. އަދި އިންޒާރު ދިނުމަށް ފަހު މެޖިސްޓްރޭޓްގެ މޫނުގައި އެމީހާގެ އަތުން ޖެހުމަށް އަތް ހުރާލުމުން އެވަގުތު އެތާގައި ހުންނެވި އެރަށު ކައުންސިލްގެ ރައީސް އޭނާގެ އަތުގައި ހިފަހައްޓައި އެކަން ހުއްޓުވި ކަމަށެވެ.
ދާންދޫ ކޯޓުން ބުނީ އޮޔާދަނިކޮށް އެރަށު މަސް ދޯންޏަކުން ނެގި ޑިންގީއެއް ހޯދަން އޭގެ ވެރިފަރާތްކަމަށްވާ އެރަށް ކައިރީ އޮންނަ "ފަޅުމާފުށީ" ރިސޯޓުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެ މީހުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ ޑިންގީ އޮތް ގެއަށް ވަނުމަށް ކޯޓު އަމުރެއް ހޯދަން ފުލުހުން އެ ކޯޓުގައި އެދުމުން އިސް މެޖިސްޓްރޭޓް ލުއައްޔު އެ އަމުރު ފުލުހުންނަށް ދީފައިވާ ކަމަށެވެ. އަދި ބުނީ މެޖިސްޓްރޭޓަށް އިންޒާރުދީ ހަމަލާދޭން އުޅުނީ އެ އަމުރު ނެރުމާ ގުޅިގެން ހިންހަމަ ނުޖެހިގެން ކަމަށެވެ.
ހަމަލާދޭން މަސައްކަތް ކުރީ އެ ޑިންގީ ނެގި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށާއި މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.