25 Aug 2010, 09:45
14:45
ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ނަން އުނިކުރަން އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާ އަކީ މަދަނީ ކޯޓުގައި ކުރިޔަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަދަނީ ކޯޓުގެ ގާޒީ ހާތިފު ހިލްމީ މިއަދު އިއްވެވި ހުކުމުގައި ބުނަނީ މި މައްސަލަ މަދަނީ ކޯޓުގައި ފެށުމުން އިލެކްޝަންސް ކޮމިޝަނުން ނެގި ނުކުތާއާ ގުޅިގެން މިއީ މަދަނީ ކޯޓުގައި ބެލެނޭ މައްސަލެއްތޯ ބެލި ކަމަށެވެ.
އަދި ބުނެފައި ވަނީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުން ބާރުލުން ލިބިފައިވާ "ސިޔާސީ ޕާޓީތަކުގެ ގަވައިދު 2005"ގެ 18 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ދަފުތަރުގައި ހިމަނައި ދިނުމަށް ކޮމިޝަނުން އިންކާރު ކޮށްފި ނަމަ އެކަމާ ބެހޭ ގޮތުން ދިވެހި ރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅޭނެ ކަން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން މި ދައުވާ އަސްލީ އިހުތިޞާޞް ލިބިގެން ވަނީ ހައިކޯޓަށް ކަމަށް އެ ގަވައިދުން އެނގޭތީވެ، މި މައްސަލަ އެ ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
ޑިސެމްބަރު 12، 2005ގައި އުފެއްދި އައިޑީޕީގެ ކުރީގެ ރައީސް އަދި އިދިކޮޅު ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރު މަދަނީ ކޯޓުގައި ދައުވާ ކުރީ އޭނާގެ ބެލުމުގެ ދަށުން ކޮންގްރެސްއެއް ބާއްވައި އުވާލާފައިވާ އައިޑީޕީގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ. އިލެކްޝަންސް ކޮމިޝަނުން ޝަރީއަތުގައި ބުނަމުން އައީ ސިޔާސީ ޕާޓީއެއްގެ މައްސަލައެއް މަދަނީ ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށާއި މި މައްސަލާގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ނަމަ މައްސަލަ ހުށަހަޅުއްވަން ޖެހޭނީ ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ތޮބީއަތުގައި އެ ޕާޓީއެއްގެ މައްސަލައެއް ދާންޖެހޭ ކޯޓަކީ ހައިކޯޓު ކަމަށެވެ. އަދި ކުރިން އެސްއެލްޕީގެ ރަޖިސްޓްރީގެ މައްސަލައިގައި މަދަނީ ކޯޓުގައި ހިންގި މައްސަލައަކީ ތަފާތު މައްސަލައެއް ކަމަށާއި މަދަނީ ކޯޓުގައި ސިޔާސީ ޕާޓީއެއްގެ މައްސަލަ ބަލޭވަރުގެ ޕްރެސިޑެންޓެއް އެ ފަހަރުގެ މައްސަލައިން ގާއިމު ނުވާ ކަމަށެވެ.
އުމަރު ނަސީރު ރައީސް ކަން ކުރެއްވި އައިޑީޕީ އުވާލި ކަމަށް އޭނާގެ ފަރާތުން އިއުލާނު ކުރީ މި އަހަރު ޖެނުއަރީ މަހުގެ ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސް އަކުން ޕާޓީ އުވާލުމަށް ފާސް ކުރުމަށް ފަހު އެވެ. ޕާޓީ އުވާލީ ހާޒިރުވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެނެވެ.
އޭގެ ފަހުން ފެބުރުއަރީ 6، 2010ގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އައިޑީޕީ އުވާލުމަށް އެ ޕާޓީން ހުށަހެޅި ނަމަވެސް ގާނޫނީ ހަމަތަކުން ބަލާއިރު އައިޑީޕީ އުވައި ނުލެވޭ ކަމަށެވެ.